ޒުވާނުންނަކީ ދިވެހިޤައުމުގެ މުސްތަޤުބަލެވެ. ދިވެހި ޒުވާނުންނަކީ ހަރުދަނާކަމެއް، މަސައްކަތްތެރިކަމެއް، ހަމައެއް، އުސޫލެއް ނެތް ބަޔެކޭ ބުނެ ކުރާ ތުހުމަތުތައް ދޮގުކަން ސާބިތުކޮށްދޭ އެތައް ޒުވާނުންނެއް ދިވެހިރާއްޖޭގައި އެބަ އުޅެއެވެ.
އދ.ހަންޏާމީދޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް އެންމެ ފުރަތަމަވެސް މަރުހަބާ ކިޔަނީ ރަށުގެ ބަނދަރުމަތިން، ރަށުގެ މޫނުމަތީގައި ހުންނަ "ރަށުގެ ނަން ބޯޑް" އެވެ.
މިއީ ޕްރިންޓެއް ނޫނެވެ. މިއީ ފޮޓޯއެއްވެސް ނޫނެވެ. މި ނަންބޯޑުގައި ފެންނަން ހުރި ޑިޒައިންތަކަކީ ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ ރެޑީމޭޑް އެއްޗެއްވެސް ނޫނެވެ. މިއީ ދިވެހި ޒުވާނަކު އޭނާގެ އަމިއްލަ ސިކުނޑިން ނެރުނު ޚިޔާލެއް، ފަރުމާކޮށް ސިމެންޓުން ރާނައި، އަމިއްލަ އަތުން ކުރެހުން އަޅާފައިވާ ނަންބޯޑެކެވެ.
އަޅުގަނޑުމެން ދައްކަން މިއުޅެނީ މި ޒުވާނާގެ ވާހަކައެވެ. މިއީ އދ.ހަންޏާމީދޫ، މާޖެހިގޭ އަޙުމަދު ނާފިޒުގެ ވާހަކައެވެ. ނާފިޒްގެ ވާހަކަ ފަށަންޖެހެނީ އޭނާ ކުޑައިރު ގޭތެރޭގައި ދޮންތަ ގާތުގައި ހޭދަކުރި ދުވަސްތަކާ ހިސާބުންނެވެ. ނާފިޒްގެ ދޮންތައަކީ ކުޅަދާނަ ފެހުންތެރިއެކެވެ. މާޖެހުމާ، ފެހުމާ ގުޅުންހުރި އަތްތެރި މަސައްކަތްތަކަށް ލޯބިކުރި މީހެކެވެ.
ފަންނީ ކަވި މަސައްކަތްތަކަށް ނާފިޒުގެ ހިތުގައި އުފެދުނު ޝައުގުވެރިކަން އަމަލީ ގޮތުން ދައްކަން އެފެށީ ދެނެވެ. ނާފިޒު ތައުލީމު ހާސިލުކުރަމުންދިޔަ ސްކޫލުގައި ވޯލް މެގަޒިންއެއް ހެދުމުގެ މަސައްކަތް ކުރެވެމުންދިޔަ ދުވަސްވަރެކެވެ. އޭރު ނާފިޒުގެ އުމުރު އުޅެނީ ސާދަ ފަނަރައިގައެވެ.
ވޯލް މެގަޒިން ހެދުމަށް ލިބުނު ފުރުސަތުގައި ނާފިޒު ބޭނުންވީ މުޅިން ތަފާތު ޚިޔާލެއް ނެރޭށެވެ. އެގޮތުން މެގަޒިންގެ އަކުރުތައް ކޮންމެ އަކުރެއް ވަކިން ދެ އިންޗި ތިން އިންޗީގެ ހިރިގަލުގެ ބްލޮކްތަކެއްގެ އެތެރޭގައި ކަނޑާ ނެގުމަށް ނިންމިއެވެ. މަސައްކަތްކުރުމަށް ޓޫލްއަކަށް ގްރައިންޑަރަކާ، ބަޓަރ ނައިފްއެއް ބޭނުންކޮށްގެން އެމަސައްކަތްކޮށް ނިންމާލީ ބަލާ މީހުންނަށް ހައިރާންކަން ގެނުވާނެހާ ރީއްޗަށެވެ.
އޭރު އެމަސައްކަތްކުރި ފަހުން އެފަދަ ކަމެއް ކޮށްލުމުގެ ފުރުސަތު ނުލިބު އެތައް ދުވަހެއް ވޭތުވެ ދިޔައީއެވެ. ސްކޫލު ދައުރު ނިންމާލުމަށްފަހު ނާފިޒުގެ އާޓު ދައްކާލަން ޚިޔާލު އައީ ގޭގެ ފާރު ފެނުމުންނެވެ.
އަމިއްލަ ގޭގެ ފާރުގައި ސިމެންތި ޖަހާފައި ކުރެހުން ކަނޑާ ނެގީއެވެ. ރަށުގެ އެތައް ބަޔެއްގެ ސަމާލުކަން ނާފިޒުގެ މިމސައްކަތަށް ހުއްޓުނެވެ. އަދި ނާފިޒުގެ ހުނަރުވެރިކަން ފެނި މިފަދަ މަސައްކަތްތަކަށް ދައުވަތު ލިބެން ފެށިއެވެ.
ފަންނުވެރިކަން ނުވަތަ އާޓުގެ ޚިޔާލު ނާފިޒުގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައީ އެކި ސިފަ ސިފައިގައެވެ. ކަރުދާހުން، ފަނުން، ނުވަތަ ނަނުން ހެދުމެއް ފަރުމާކުރުންކަމަށްވިޔަސް އެއިން ކޮންމެ ޚިޔާލެއްވެސް ނެރެނީ އިޖާދީ ވިސްނުމަކުން އުފެއްދުންތެރި ކަމެއް ކޮށްލުމުގެ ނިޔަތުގައެވެ. ނާފިޒުގެ ފަންނުވެރިކަން ފެންނަނީ އެކި މަސައްކަތްތަކުންނެވެ.
ޕުޓީ ބޭނުންކޮށްގެން ގޭތެރޭގެ ޑިޒައިންތައް ފުރިހަމަކޮށްލުމަކީވެސް ނާފިޒުގެ ޚާއްސަ ހުނަރެކެވެ. މަކީޓާ ހެއްޔާ ޕްރޮމޯޝަންއާ ގުޅުވައިގެން 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މުބާރާތުގައި ނާފިޒުގެ ހުނަރު ވަނީ ދައްކާލާފައެވެ.
މަކީޓާ އާލާތްތައް ބޭނުންކޮށްގެން ލަކުޑީގައި ނާފިޒު ތައްޔާރުކުރި ބުރުމާއަކީ އާދަޔާ ޚިލާފު މަސައްކަތެކެވެ. އަދި މީގެ އިތުރުން އޭޑީކޭއަށް ޒިޔާރަތްކުރާ މީހުންގެ ލޮލުގައި އަޅައިގަންނާނެހެން ހޮސްޕިޓަލުގެ އެތެރެއިން ޖާގަ ހޯދާފައިވާ މި މަސައްކަތަކީވެސް ނާފިޒްގެ މިންނެތް މަސައްކަތްތަކެވެ.
މިއީ 164 ގަޑިއިރާ 11 މިނެޓް ހޭދަކޮށްގެން ނާފިޒުކޮށްފައިވާ ވަރަށް ކަވި މަސައްކަތެކެވެ. މި ވޯލް ފްރޭމަކީ ބަލާ މީހަކަށް ކުރެހުމެއްހެން ސިފަ ވިޔަސް، މިއީ ބަރަނި ބޭނުންކޮށްގެން އުފައްދާފައިވާ ފަންނުވެރި މަސައްކަތެކެވެ. ނާފިޒް އަންނަނީ ޝަޢުގުވެރިކަމާއެކު ހިރިގަލުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެގޮތުން މިވަގުތުވެސް އޭނާ އަންނަނީ ހިރިގަލުގެ ވަޑާމުން "ޕެން ހޯލްޑަރ"އެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ފަންނާ ހުނަރުގެ މި ޒުވާނާގެ ދުރު މުސްތަޤުބަލުގެ އަމާޒު ފެންނަނީ އަދި މާ ތަފާތުކޮށެވެ. ލިބިފައިވާ ފަންނުވެރިކަން އަމިއްލަ އަތާ ސިކުނޑީގައި ބަނދެގެން ގެންގުޅުމުގެ ވިސްނުމެއް ނާފިޒްގެ ސިކުނޑިއަކު ނެތެވެ. ނާފިޒް ދައުވަތު ދެނީ މިމަސައްކަތް ދަސްކުރަން ނާފިޒު ގާތަށް ދިވެހި ޒުވާނުންނާ ކިޔަވާ ކުދިން އައުމަށެވެ.
ނާފިޒުގެ ހުވެފެނަކީ މިފަންނު ދަސްކޮށްދޭނެ އެކެޑަމީއެއް އޭނާގެ މޭސްތިރިކަމުގެ ދަށުން އުފެދިގެން ދިޔުމެވެ. އަދި އެ އެކެޑަމީން ފަންނުވެރި ޒުވާނުންތަކެއް ދިވެހި މުޖުތަމައަށް ނުކުމެ، މަސައްކަތްތެރިކަމުގެ ސިނާޢަތުގައި ދިވެހިން އިތުރުވުމެވެ.