ޚަބަރު

ޤައުމީ ހެލްތު ލެބޯޓްރީއާއި، ވެކްސިން ފެސިލިޓީގެ ޚިދުމަތް އަންނަ އަހަރު ފެށޭނެ


ނޭޝަނަލް ހެލްތު ލެބޯޓްރީއާއި، ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ އެކިކަހަލަ ތަހްލީލްތައް ކުރަމުން އަންނަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިންނެވެ. ނަމަވެސް އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށާއި، އައު ޚިދުމަތާއެކު މަސައްކަތްތައް ފުޅާކުރުން ވަނީ ވަރަށް ދަތިކަމަކަށްވެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ ނޭޝަނަލް ހެލްތު ލެބޯޓްރީއެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމާފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރައްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ނެޝަނަލް ހެލްތު ލެބޯޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާއާއި ބިންވެސް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ކުރެއްވި މަސައްކަތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި 18.5 މިލިއަން ޔޫރޯގެ އެހީ ދިވެހި ސަރުކާރަށް މިހާރު ލިބިފައިވާކަމަށާއި، އެ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އާދިލް ވިދާޅުވިއެވެ. އަދި އެ ލެބޯޓްރީއާއެކު ތަހުލީލްތައް ފުޅާވެ އިތުރު ދާއިރާތަކުން ޚިދުމަތް ލިބިގެންދާނެކަން އާދިލް ފާހަގަކުރެއްވިއެވެ. މިހާރުކުރިއަށްދަނީ ލެބޯޓްރީގެ ޑިޒައިންގެ މަސައްކަތްކަމަށްވެސް އާދިލް ވިދާޅުވިއެވެ.

ނޭޝަނަލް ހެލްތު ލެބޯޓަރީއަކީ އެކި ކަހަލަ ކާބޯތަކެއްޗާއި ކެމިކަލް ތަޙުލީލުކުރުމަށް ހަދާފައިވާ ލެބޯޓަރީއެކެވެ. މިލެބޯޓަރީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހެލްތު މިނިސްޓްރީ ހިންގަވަމުން ގެންދަވާ ރޯޝަނީ ބިލްޑިންގައެވެ. އެ ލެބޯޓަރީން މިހާރުވެސް ކާބޯތަކެއްޗާއި، ފެނާއި ކެމިކަލް އަދި މަހުގެ ބާވަތްތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި ލެބޯޓަރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓެސްޓް ނުކުރެވޭ ސާމްޕަލްތަކުގެ ނަތީޖާތައް ހޯއްދަވަމުން ގެންދަވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންކަމަށެވެ. ނަމަވެސް އައު ލެބޯޓްރީއާއެކު އެ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މިހާރުވެސް ޚިދުމަތް ދެމުން އަންނަ އެ ހެލްތު ލެބަކީ 2008 ވަނަ އަހަރު ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފެތޭގޮތަށް ކަނޑައެޅިފައިވާތަނެކެވެ.

"އަޅުގަނޑުމެން މިކާ ކާނާ ޓެސްޓްކުރެވެންޖެހޭ. އެތެރެކުރާ ބޭސް ޓެސްޓްކުރަންޖެހޭ. އޭގެ އިތުރުން ރާއްޖޭގައި ރާއްޖެއިން ބޭރުކުރާ ކަނޑުމަސްއޭގެ ސެޓިފައިކުރާ ފަރާތަކީވެސް އެމްއެފްޑީއޭ. އެހެންވީމަ އަޅުގަނޑުމެންގެ ފުރިހަމަ ނެޝަނަލް ހެލްތު ލެބޯޓްރީއެއް އެބަޖެހޭ ހުންނަން. އަޅުގަނޑުމެންނަށް ވަރަށް ގިނަފަހަރު އޭގެ ދަތި އެބަދިމާވޭ. ކާ ކާނާގެ ތާޒާކަމާ އޭގަހުރީ ކޯއްޗެއްކަމެއް ނޭނގޭ. އަދި ބޭސް އެއްޗެހިވެސް އެންމެ ފުރިހަމަގޮތުގައި ޓެސްޓުކުރުމުގައި ދަތިތަކެއް ހުރޭ. އެހެންވީމަ ނެޝަނަލް ލެބޯޓްރީ ޤާއިމްވެގެން ދިޔާމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބި އެ ތަކްލީފުން އަރައިގަނެވި ވަރަށް ބޮޑު ލުޔެއް ލިބޭނެ މުޖުތަމަޢަށް."ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ވެކްސިނަކާއި، ސިއްޙީ ކޮންޒިއުމަބަލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީވެސް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަަމަށް އާދިލް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖެހި ފައިސާވެސް ހަމަޖެހިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. އޭޑީބީގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަށް 4.9 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މިހާރުވަނީ ލޯކަލް ކޮންސަލްޓެންޓެއް އައްޔަންކޮށްފައެވެ. 6 ފަންގިފިލާއަށް ޢިމާރާތްކުރާ އެ ޢިމާރާތާއެކު ސިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ވަސީލަތަތްތައް ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

"ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީއާއެކު ރާއްޖެއަށް ބޭނުންވާ ހުރިހާ ވެކްސިނަކާއި، މެޑިކަލް ކޮންސިއުމަބަލްސްއާއި ލެބޯޓްރީއަށް ބޭނުންވާ ތަކެތިވެސް ސްޓޯކުރެވޭނެ. ވަރަށް ހާލުގައި މިހާރު އެތަކެތި ބަލަހައްޓަނީ. ހުސްއެކަނި ހޮސްޕިޓަލްތަކެއް ހަދަނީއެއްނޫން. ހޮސްޕިޓަލްތަކުގެ ސަޕޯޓް ސާރވިސްތަކަށްވެސް ބޭނުންވާ ކަންތައްތައްވެސް ކުރަމުން މިދަނީ."ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތާއި، ވެކްސިން ސްޓޯރޭޖް ފެސިލިޓީތައް އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.