ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް މިސިނާާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުއާޓަލީ ބިޒްނަސް ސާވޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މިކަމާއި ގުޅޭ ޚާއްސަ ސުވާލުތަކެއް ވަނީ ކޮށްފައެވެ. މި ސުވާލުތަކަށް ސާވޭއަށް ޖަވާބުދިން ފަތުރުވެރިކަމުގެ ދައިރާގެ 64 ވިޔަފާރީގެ ތެރެއިން 45 ވިޔަފާރިއެއް ވަނީ ޖަވާބު ދީފައެވެ. މި ސާވޭއަކީ މިރާގެ ކުންފުނިތަކުގެ ލިސްޓުން ޢާމްދަނީއަށް ބަލައި ސުވާލުތަަށް ފޮނުވާފައިވާ ފަރާތްތަކެވެ.
ސާވޭގައި ބައިވެރިންނާއި ރަޝިޔާ ޔޫކްރެއިން މަސްރަހާއި ގުޅިގެން ކުރެވުނު ސުވާލުތަކުގައި މިއަހަރު ފުރަތަމަ ކުއާޓާގައި %20 ބުކިން މިމާކެޓުން ލިބޭނެ ކަމަށް ލަފާކުރެވުނު ކަމަށް ވިޔަފާރިތަކުން ވަނީ ބުނެފައެވެ. މި ހަނގުރާމައިގެ ސަބަބުން ސާވޭގައި ބައިވެރިވެރިވި %72 ވިޔަފާރިތައް ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގެ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
މީގެ ތެރެއިން %34 ވިޔަފާރިއަކުން ބުނީ ޖުމްލަ އާމްދަނީގެ %10އާއި %25އާ ދެމެދުގެ އަދަދެއް ގެއްލިފައިވާ ކަމަށެވެ. އަދި އިތުރު %34 ވިޔަފާރިއަކުން ވަނީ ޖުމްލަ އާމްދަނީ އަށް ކުރި އަސަރު %10އަށްވުރެ މައްޗަށް ނުދާ ކަމަށް ފާހަގަކޮށްފައެވެ.
މިސާވޭގައި މި މާކެޓުން ބުކިން ކެންސަލްވި ކަމަށް ބުނި ވިޔަފާރިތަކުގެ ތެރެއިން %2 ވިޔަފާރިން ވަނީ %50އަށްވުރެ ގިނަ ބުކިން ކެންސަލްވިކަމަށް ބުނެފައެވެ. ގިނަ ވިޔަފާރިތަކުން ފާހަގަކުރި ގޮތުގައި %25އާއި %50އާ ދެމެދުގެ މިންވަރަކަށް މިކުއާޓާގައި މިމާކެޓުން ބުކިން ކެންސަލްވި ކަމަށެވެ.
ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނީ ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ވިޔަފާރިއަށް އަސަރުކުރާނެ ކަމަށެވެ. އެގޮތުން %44 ވިޔަފާރިއަކުން އާމްދަނީގެ %10އަށްވުރެ މައްޗަށް އަސަރު ނުކުރާނެ ކަމަށް ބުނެފައިވާއިރު، %4 ވިޔަފާރިއަކުން ވަނީ %50އަށްވުރެ ބޮޑަށް އާމްދަނީއަށް އަސަރުކުރާނެކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރަށް ކުރިއަށް އޮތްތަނުގައިވެސް ބުކިންތައް ކެންސަލްވާނެ ކަމަށް ވިޔަފާރިތަކުން ފާހަގަ ކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއިން މާކެޓުގެ %10 މިވަގުތުވެސް ހިއްސާކުރެއެވެ. އަދި މިއީ 3ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް މީގެ ކުރީން ޓުއަރިޒަމް މިނިސްޓްރީންވެސް ވަނީ ވިދާޅުވެއެވެ.