ޚަބަރު

12 ކިލޯގެ މަސްތުވާތަކެތި: ތިން މީހުންގެ ބަންދަށް އިތުރު 10 ދުވަސް


ރާއްޖެއަށް 12.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި މކދިޔަ މަހުގެ 14ގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. ވެލިދޫ، މަރިޔާޒް، އުމުރުން 30 އަހަރުގެ މުޙައްމަދު ޢަބްދުއްލަޠީފާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ކަވްސަރު އަލަމްއެވެ. މި އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ. މުއްދަތުގެ މަޖިލީހުގައި ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހިމެނޭ މުހައްމަދު އަބްދުއްލަތީފަކީ މަސްތުވާތަކެތި ބަލާ ދަތުރުކުރި ލޯންޗުގެ ކެޕްޓަން ކަމަށެވެ. އޭނާ އެ ދަތުރުކޮށްފައި ވަނީ، އެއީ މަސްތުވާތަކެތި ބަލާ ދިޔަ ދަތުރެއްކަން އެނގި ހުރެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުންގެ އުޅަނދު ފެނުމުން މަސްތުވާތަކެތި އަޅާފައި ހުރި ދަބަސް އެއްލާލައި، ފިލަން މަސައްކަތް ކުރިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އަބްދުއްލަތީފަކީ މީގެ ކުރިންވެސް ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ. މި މައްސަލާގައި ހިމެނޭ އިންޑިއާ މީހާ އަކީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. ފުލުހުން ވަނީ އޭނާ އަކީ މިކަމުގެ މޭސްތިރި ކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.