ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓު އިމާރާތްތަކެއް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ލޯކަލް ޑެވެލޮޕާޒް 3 މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 10 ޕްލޮޓެއްގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަރައްގީކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލަން ނިންމާފައިވާކަމަށެވެ. މި މަޝްރޫޢަށް 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިން ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ވިދާޅުވީ އެ މަޝްރޫޢު ހިންގުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ފޭސް ދޭއްގެ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާއި ކައިރިން އަށް ޕްލޮޓާއި ފޭސް އެކެއްގެ ނެއިބާހުޑް ދޭއްގެ ނިރޮޅު މަގު 20 ނަމްބަރު ގޯޅީގައި ހުންނަ ޕްލޮޓެއްގެ އިތުރުން ނެއިބާހުޑް އެކެއްގެ ރީތިގަސް މަގާއި ގުލްޗަމްޕާ މަގު ގުޅޭ ކަންމައްޗަށް ހުސްކޮށް އޮތް ޕްލޮޓުންކަމަށެވެ.
އެޗްޑީސީން ވިދާޅުވީ، މި މަޝްރޫޢު ހިންގުމަށްޓަކައި ޕްރީ ޕްރޮޕޯސަލް ބައްދަލުވުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ 13:00 ގައި ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫއަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އޮންނަ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ 9އެއް ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ކޮންމެ ފަރާތަކަށް އެއް ބިން ތަރައްގީކުރުމަށް ދޭން އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ވިދާޅުވީ އެ ބިންތަކުގައި ތަރައްގީކުރާ އެޕާޓްމަންޓްތަކުގެ ތެރެއިން އަގު ހިފެހެއްޓިފައިވާ އެޕާޓްމަންޓްތަކެއް ހިމެނޭނެކަމަށެވެ. އެގޮތުން އަގު ހިފެހެއްޓިފައިވާ އެޕާޓްމެންޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކޭނީ 1.5 މިލިއަން ރުފިޔާގެ އަގެއްގައިކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވިއްކޭނީ 2.5 މިލިއަން ރުފިޔާއަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ އެ އެޕާޓްމަންޓްތަކުގެ ފިނިޝިންގެ މަސައްކަތާއި އެނޫންވެސް މަސައްކަތްތައް ކުރަންވާނީ އެކުންފުނިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ. އަދި އެޕާޓްމަންޓްތައް ވިއްކަން ޖެހޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކަމަށް ތައްޔާރުކުރާ ގައިޑްލައިންތަކެއްގެ ދަށުންކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
RFP: Local Developers 3 Project – Development and Sale of Pure Residential Apartments in Hulhumalé
— HDC (@hdcmaldives) April 29, 2022
Link: https://t.co/IF2buMF7Vn
އެޗްޑީސީން ވަނީ އެ އެޕާޓްމަންޓްތައް ގަންނަ ފަރާތްތަކަށް، އެ އެޕާޓްމަންޓްތައް ކައިރިން އުޅަނދުތައް ޕާކްކުރެވޭނެ ޕާކިންގ ޖާގަތަކެއްވެސް ތަރައްޤީކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. ކާރު ޕާކްކުރަން ޖާގަ ވިއްކާނީ ފޫޓަކަށް 1،000 ރުފިޔާގެ ރޭޓުންނެވެ.
މި މަޝްރޫޢުތަކަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ އިވެލުއޭޝަންގައި އަގު، ތަޖުރިބާ އަދި ވިޔަފާރި ޕްލޭނަށް ރިއާޔަތްކުރާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދީ އިވެލުއޭޓް ކުރުމުގައި %70 ޚާއްސަކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެކުންފުނިން ވިދާޅުވީ، ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތްތަކުން އެޕާޓްމެންޓްތައް މާކެޓްކޮށް ޕްރޮމޯޓްކުރަންވާނީ އެގްރިމެންޓުގައި ސޮއިކުރުމަށްފަހުކަމަށެވެ. އަދި އެޕާޓްމަންޓް ތަރައްޤީކުރާ ފަރާތުން އެއްވެސް ފަރާތަކަށް އެއް އެޕާޓްމަންޓަށްވުރެ ގިނަ އެޕާޓްމަންޓް ވިއްކައިގެން ނުވާނެކަމަށްވެސް އެޗްޑީސީން ވަނީ ޝަރުތުކޮށްފައެވެ.
އެޗް.ޑީ.ސީން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއެކު 11000 ހައުސިން މަޝްރޫޢުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.