ޚަބަރު

ޖުޑީޝަލް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފި


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަލަށް ޤާއިމުކުރެއްވި ޖުޑީޝަލް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ.ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ކޯޓުތަކުގެ މުއައްޒަފުންނަށް ދާއިމީ ގޮތެއްގައި ޕްރޮފެޝަނަލް ޖުޑީޝަލް ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ސުޕްރީމްކޯޓުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ޤާއިމުކުރެއްވި ޖުޑީޝަލް އެކަޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދާއި، ސައުދީ ޖަސްޓިސް މިނިސްޓްރީގެ މުޝްރިފުލް ޢާންމު އަލްމުޝްތަޝާރު މަޢާލީ، އައްޝައިޚް ޔޫސުފް ބިން ޢަބްދުލްޢަޒީޒް އަލްފައްރާޖެވެ.ޖުޑީޝަލް އެކަޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވަނީ ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޕްރޮފެޝަނަލް ޖުޑީޝަލް ތަމްރީނު އުނގަންނައިދޭ މުޢައްޞަސާއެއް ޤާއިމުކޮށްފައި ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.މިއެކަޑަމީ ވުޖޫދަށް އައުމާއެކު ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް "ކޮންޓިނިއުއިންގ ޖުޑީޝަލް އެޑިއުކޭޝަން" ޕްރޮގްރާމްތަށް އެކުލަވާލައި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ޖުޑީޝަލް އެކަޑަމީންނެވެ. މި އެކަޑަމީ ހިންގާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި މިއެކަޑަމީގެ އިސްތިޝާރީ މަޖިލީހުގެ ޗެއަރމަންއަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. ވިލިމާލޭގައި މިއަދު ޤާއިމްކުރެވުނު މި ޖުޑީޝަލް އެކަޑަމީން ތަމްރީން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޝަރުޢީ ދާއިރާގައި ވަޒީފާގެ ކުރިއެރުން ދިނުމަށް އިސްކަންދޭން ޖެހޭނެކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅުއްވައިފައެވެ.