ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ ދިއްދޫ އެންމެ އަލިގަދަ ތަރި 1443ގެ މަޤާމު ހއ.ދިއްދޫ ސެހެނާވިލާ އާމިނަތު ޝިއުރާ އިބްރާހީމް ހޯދައިފިއެވެ.
ފައިނަލް ބުރުގައި 5 ބައިވެރިން ވާދަކުރި މި މުބާރާތުގެ 2 ވަނަ ހޯދީ ޢަބްދުﷲ ޒައިން ބިން މުޙައްމަދެވެ. 3 ވަނަ ހާސިލުކޮށްފައިވަނީ ޙުސެއިން ޝަހުބާންއެވެ. ދެން ފައިނަލްގައި ވާދަކުރީ އަލްޙާފިޡާ ބައްސާމާ ސުލެއިމާނާއި މަރިޔަމް ނާޔާ އަޙްމަދެވެ.
މި މުބާރާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމިކް މިންސްޓަރ ޑރ. އަހުމަދު ޒާހިރެވެ.
މުބާރާތުގެ ވަނަތަކަށް މިޑްލް ސްޕޯޓްސް ކުލަބުން ކަނޑައަޅާފައިވާ ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގެ އެއްވަނައާއި ދެވަނައަށް އުމްރާ ދަތުރެއްވެސް ވަނީ ދީފައެވެ. މުބާރާތުގެ އިނާމުތައް ހަދިޔާކޮށްފައިވަނީ ސްޕޮންސަރުންނާއި ހެޔޮ އެދޭ ފަރާތްތަކުންކަމަށް މި މުބާރާތް އިންތިޒާމުކުރި މިޑްލް ސްޕޯޓްސް ކުލަބުން ބުނެއެވެ.
ދިއްދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތް 20 ބައިވެރިންނާއި އެކު ފެށީ މިމަހުގެ 1 ވަނަދުވަހުއެވެ.
ޓީވީއެމުން ގެނެސްދިން " ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި " ޤުރުއާން މުބާރާތް އަސްލަކަށް ބަލައިގެން ކުރިޔަށް ގެންދިޔަ މި މުބާރަތުގައި ޖުމްލަ 20 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކޯޑިނޭޓަރ އަލީ ޝިޔާޒް ވިދާޅުވީ މި މުބާރާތަކީ ދިއްދޫގެ ރައްޔިތުންގެ ހިތުގައި ޤުރުއާނަށް އޮތް ލޯބި އިތުރުކޮށް، ޤުރުއާން ކިއެވުމުގެ ރޫހު އާލާކޮށް އަދި ޤުރުއާން ކިޔެވުމުގެ ފަންނުތައް އިތުރުކުރުމުގެ މަގްސަދުގައި މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކުރި މުބާރާތެއް ކަމަށެވެ. މި މުބާރާތް މިއަންނަ އަހަރުގެ މަޟާންމަހުވެސް ކުރިޔަށް ގެންދާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.