އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މެންބަރުންގެ އެންމެ ގިނަ ސުވާލުތައް އަމާޒުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭގޮތުންނެވެ. އެގޮތުން އޭސީސީގައި ކުރިން ތިއްބެވި މެންބަރުން ދުރުކުރުމަށް ދިމާވީ އެ ކޮމިޝަންގެ މަސައްކަތްތައް އެދެވޭ ހަލުވި މިނެއްގައި ކުރިއަށް ނުދިއުންކަމަށް ވިދާޅުވެ މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބެލުމުގައި އަވަސް ބާރުމިނެއް ދެކެން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ކޮމިޓީގައި މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެކޮމިޝަނަށް މައްސަލަތައް ބެލުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޮމިޝަނަކީ އިންވެސްޓިގޭޓަރުން ވަޒީފާ ދޫކޮށްފައިވާ މައްސަލަކަމަށެވެ. އެގޮތުން އިންވެސްޓިގޭޓަރުން ކެނޑޭ މައްސަލައަށް ހައްލެއް ގެނައުމަށް އައު ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިންވެސްޓިގޭޓަރެއް ތައްޔާރުކުރުމަށް އަހަރުތަކެއް ނަގާކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބެލުމުގައި އޭސީސީގެ އެންމެ ތަޖުރިބާ ހުރި އިންވެސްޓިގޭޓަރުން މަސައްކަތްކުރާކަމަށެވެ. އަދި އައު އިންވެސްޓިގޭޓަރުންވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ އޭސީސީގެ ނާއިބު ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް އެޖެންސީތަކާއި މިހާރު ވާހަކަ ދައްކަމުން އަންނަކަން ސަލާމް ވަނީ ކޮމިޓީއާއި ހިއްސާކުރައްވާފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.
ޢަބްދުއްސަލާމަކީ އޭސީސީގެ މެންބަރަކަށް ވަޑައިގަތުމުގެކުރިން އެ ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
"އަޅުގަނޑުމެން އެބަބަލަން ބޭރުގެ އެޖެންސީތަކުން ދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ. އެގޮތުން ބޭރުގެ އެޖެންސީތަކާ އެބަ ވާހަކަ ދައްކާ މަޝްވަރާކުރެވޭ އަޅުގަނޑުމެންނަށް ލިބިދާނެ އެހީތެރިކމަކީ ކޮބައިތޯ އެމްއެމްޕީއާރުސީގެ މައްސަލަތަކާއި ގުޅިގެން." ސަލާމް ވިދާޅުވިއެވެ.
އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި މިވަގުތު 55 މީހަކު އަންނަނީ މަސައްކަތްކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަމުން އޭސީސީގެ މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރުމަށް، އެ ޚިޔާނާތުން މަންފާވި ކަމަށް ބުނާ މީހުންގެ މައްސަލައާއި، ނުއަގުގައި ދޫކުރި ރަށްތަކުގެ އަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ތަހުގީގެއްގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ.
އޭސީސީން ކޮމިޓީގައި ވިދާދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އެހެން އިދާރާތަކާވެސް ގުޅިގެން ކުރިއަށްގެންދާ މައްސަލައެއްކަމުން އެ އިދާރާތަކާއިވެސް މަޝްވަރާކޮށްގެން އަވަސްކުރެވޭނެ ހުރިހާ މަގެއް ބަލަމުން އަންނަކަމަށް އޭސީސީން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް ތަހުގީގް ހިންގި އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ.