ވިޔަފާރި

މާޗުމަހު މީރާއަށް ލިބުނު އާމްދަނީ 64.2 އިންސައްތަ އިތުރު


މިދިޔަ އަހަރުގެ މާރޗުމަހާއި އަޅާބަލާއިރު މިއަހަރުގެ މާޗުމަހު މީރާއަށް ލިބުނު އާމްދަނީ 64.2 އިންސައްތަ އިތުރުވެއްޖެއެވެ.

މިއީ މިދިޔަމަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 32.0 އިންސައްތަ އިތުރު އަދަދެކެވެ.

މާރޗްމަހު މީރާއަށް 2.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މާޗުމަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 106.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މާރިޗުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.10 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 541.19 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ފެބުރުވަރީ 2021 އާއި އަޅައިބަލާއިރު، ފެބުރުވަރީ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %53.8 އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.