ބ.އަތޮޅު ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީ އިންފަށައިފިއެވެ. މިހަފްތާތެރޭގައި ފެށި މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަގޮ ކޮނެ ނަރުދަމާއަށް ވަޅުލާ މައިހޮޅި ވަޅުލުމުގެ މަސައްކަތްކަމަށެވެ.
މިމަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 384 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަންތައް ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާ ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިނގް ހައުސިން އެންޑް އިންފްރާސްޓރަކްޗަރ އިން މމި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.