ވޭތުވެދިޔަ ދެ އަހަރު ތެރޭ ކޯވިޑުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް އެޕްރީލްމަހު ފަށާނެކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެޕްރީލް 1 އިން ފެށިގެން މީރާއިން ތަންފީޒީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ޖޫރިމަނާތަކާއެކު ލިބެންޖެހޭ ޖުމްލަ އަދަދުކަމަށްވެސް މީރާއިން ބުނެއެވެ.
މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނެއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މިރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.
ކޯވިޑު-19 އާއިއެކު ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމަކާއި ކުރިމަތިވިއެވެ. ވަޒީފާތައް ގެއްލި އިޤްތިޞާދަށް މައިގަނޑު ގޮތެއްގައި އާމްދަނީ ވަންނަމުން ދިޔަ ފަތުރުވެރިކަން އެއްކޮށްހެން ހުއްޓިގެން ދިޔައެވެ. މިއާއެކު ސަރުކާރުން މިހާލަތުގައި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގައި ތަންފީޒީ މަސައްކަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމިއެވެ. އަދި ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ވިޔަފާރިތަކަށް ވަނީ ދީފައެވެ.
ނަމަވެސް މިހާރު ރާއްޖޭގައި އޮތް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވިގޮސް އިޤްތިޞާދީ ހާލަތު އިޔާދަވަމުންދާއިރު، ދައުލަތައް ލިބެންޖެހޭ އާމްދަނީ މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއާއެކު މިމުއްދަތުގައި ދައުލަތައް ލިބެންޖެހޭ އާމްދަނީ ހޯދުމަށް ދައުލަތުގެ އާމްދަނީ ބަލަހައްޓާ މައި އިދާރާ މިރާއިން މިވަނީ މަސައްކަތް ފަށާފައެވެ.