ޚަބަރު

އިހަވަންދޫ ސިއްހީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ


އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި އަލަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އިހަވަންދޫ ސިއްޙީމަރުކަޒުގައި މި ޚިދުމަށް ފެށުމަށްޓަކައި އެރަށަށް ވަނީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ވަޑައިގެންފައެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒުގެ މެނޭޖަރ މުހައްމަދު އަކުރަމް ވިދާޅުވީ މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރުކަމަށެވެ. މި ޚިދުމަތް ފެށިގެން ދިއުމާއެކު އެ ޞިއްޙީ މަރުކަޒުން ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތް ހަފުތާއަކު 6 ދުވަހު ލިބޭނެ ކަމަށާއި ޑޮކްޓަރު ބަލިމީހުން ބެލުމަށް ހަމަ ޖެހިފައިވަނީ ހެދުނު 9:00އިން ހަވީރު 16:00 ކަމަށް އޭނާ ވިދާޅުވިއެވެ.

3300 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އިހަވަންދޫގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކަކާ ވަނީ ކުރިމަތި ލާންޖެހިފައެވެ. އެގޮތުން އެރަށުގެ ރައްޔިތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ހޯދުމަށް ގަދަ ކަނޑެއްގަ ދިގު ދަތުރެއްކޮށްފަ ދާންޖެހެނީ ދިއްދޫއަށް ނޫނީ ކުޅުދުއްފުއްޓަށެވެ. އަދި ކުއްލިއަކަށް ޑޮކްޓަރަށް ދައްކަން ދާންޖެހިޖެ ނަމަ އަތުން ބޮޑުޚަރަދުތަކެއް ދާކަމަށް އެރަށުގެ ރައްޔިތުން ހާމަކުރެއެވެ.

އިހަވަންދޫ ޞިއްޙީ މަރުކަޒުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަށް ފެށިގެން ދިއުމަކީ އިހަވަންދޫ ޞިއްޙީ މަރުކަޒަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި މި ކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އަކްރަމް ވަނީ ފާހަގަ ކުރައްވާފައެވެ.

އިހަވަންދޫގައި އުމުރުން 16 އަހަރުން ދަށުގެ 1200އާ ގާތްކުރާ އަދަދަކަށް ކުދިން ދިރިއުޅެއެވެ. މިދިޔައަހަރު އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.