ޚަބަރު

އޭސީސީގެ މަސައްކަތްތައް ކާމިޔާބުވުމުގައި ޕީޖީގެ މަސްލަހަތު ބޮޑު: ޝަމީމް


އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތްކަމެއްކަމަށް ވިދާޅުވެ، އައު ކޮމިޝަންގެ މަސައްކަތްތައް ކާމިޔާބުކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޕީޖީ ޝަމީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭސީސީއަށް އައްޔަންކުރި ފަސް މެންބަރުން މަރުޙަބާ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަމަށެވެ. ޤާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްކަމަށާއި، އެ އޮފީހުގެ ހުރިހާ އިންސާނީ ވަޞީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އޮންނާނީ ރުކުރުވާލާފައިކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެންބަރުންނަށް ދެއްވަމުން ޝަމީމް ވިދާޅުވީ، އޭސީސީން ފަށްޓަވާފައިވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި އެމަނިކުފާނު ވަރުގަދައަށް ހިފާނެކަމަށާއި، އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލައްވާނެކަމަށެވެ.

ޝަމީމް ވިދާޅުވީ، ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ޙަވާލުކުރުމުން، ތަންފީޒީ އިދާރާތައް ޢަމަލުކުރާނީ ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތިކަމަށެވެ. އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އައި ނަމަވެސް، ޤާނޫނު ތަންފީޒްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއްކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އައު ކޮމިޝަނާއެކު މަސައްކަތްކޮށް ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާ ކުރުމަކީވެސް އުއްމީދެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭސީސީއަށް އައު މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި މިވަނީ، ކުރިން އޭސީސީގައި ތިއްބެވި މެންބަރުންނަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނުކަމަށް ބުނެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުން އަމާޒުވުމާއެކު
އެމެމްބަރުން އިސްތިއުފާދެއްވުމުންނެވެ.