އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) ޖާމަނީގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއިން ބައިވެރިވެއްޖެއެވެ.
ޖަރުމަންވިލާތުގައި ކުރިއަށްދާ މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރީ އެމްއެމްޕީއާރުސީގެ ފަރާތުން ޖަރުމަނަށް ކަޑައަޅާފައި ހުންނަ ޕީއާރު އެޖެންސީ، ކައުސް މީޑިއާ ސާވިސްއިންނެވެ.
ޓްރެވްމީޑިއާގެ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ނެޓްވޯކިންގް ހަރަކާތެކެވެ. މި ހަރަކާތް އެކި ޤައުމުތަކުގައި ބާއްވާއިރު، މީގެ މަޤްސަދަކީ ފަތުރުވެރިކަމާބެހޭ ހިދުމަތްދޭ ފަރާތްތަކާއި، މިދާއިރާގެ ހަބަރާއި މައުލޫމާތު ފަތުރާ ޖާނަލިސްޓުންނާއި، އެޑިޓަރުންނާއި، އިންފްލުއެންސަރުންގެ އިތުރުން ބްރޯޑްކާސްޓަރުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ދިނުމެވެ.
މިއަހަރަކީ އައިއެމްއެމް ބާއްވާ 10 ވަނަ އަހަރެވެ. ޖަރުމަނުގައި ބާއްވާ އައިއެމްއެމް އިވެންޓުގައި އެގްޒިބިޓަރުންނަށް ޖަރުމަނު، އޮސްޓްރިއާ އަދި ސުވިޒަލޭންޑުގެ ޓްރެވަލް ޓްރޭޑާއެކު ބައްދަލުވުންތައް ބާއްވާ، މަޝްވަރާކޮށް، ޕާޓްނަޝިޕްތައް ޤާއިމްކުރުމަށް ގިނަ ފުރުސަތުތައް ލިބޭނެއެވެ. މިއަހަރު އައިއެމްއެމްއިން އެކި ގައުމުތަކުގައި ބާއްވާ އިވެންޓުތަކުގައި 5665 އެގްޒިބިޓަރުން ބައިވެރިވެ، 10500 މީޑިއާތަކުން މި އިވެންޓުތައް ކަވަކުރާނެކަމަށް ބެލެވެއެވެ.
އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވެފައި މިވަނީ ޖަރުމަނު، އޮސްޓްރިއާ އަދި ސުވިސް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިޝްތިހާރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓިޖީގެ މަޤްސަދަކީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ދަމަހައްޓާ، މި މަންޒިލުން ރާއްޖެ އައުމަށް މީހުން ބުކިން ހަދާ މިންވަރާއި، ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 94،784 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނު، އޮސްޓްރިއާ އަދި ސުވިޓްޒަލޭންޑުންނެވެ. އެއީ މާކެޓް ޝެއަރގެ 7.2 އިންސައްތައެވެ. މި ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުވެސް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ.