އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ކުންފުނީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ އެސް.ޓީ.އޯ.ގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް، މި އަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުވެގެންދާނެކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، 2018 ގައި ވެރިކަމަށް އައިއިރުވެސް ރައީސް ނިންމަވާފައި އޮތީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރަންކަމަށެވެ. ނަމަވެސް އެއިރު އެކަން ނުކުރެވުނީ ކުންފުނި ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތުމުގެ ސަބަބުންކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ޖެހުނީ މިފްކޯގެ ހުރިހައިކަމެއް އަލުން ބަލުން ފަށައި ކަންކަން ރަނގަޅުކުރަންކަމަށް އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަވާލުވެފަ ބެލިއިރުގައި ވަރަށް ބޮޑަށް ކުންފުނި އޮތީ ބޮއްސުންލާފަ. ހަޤީގަތުގައި ނެތް ހަމަ ކުންފުންޏެއްގޮތުގައި އެއްގޮތަކަށްވެސް ހިންގާފަކާ. ފައިސާގެ ބައިވަރު މައްސަލަތައް ހުރި. ޕްރޮޑަކްޝަންގައި އަޅާނުލައި ދިޔައީމަ ލިބޭ މަހުގެ އަދަދުވެސް މަދުވެގެންދިޔަ. ޕްރޮސަސްހަދާ މެޝިނަރީތައް ހަލާކުވެ ވަރަށް ދަށު ދަރަޖައިގަ މިފްކޯ އޮތީ ފެލިވަރުވެސް ކޫއްޑޫވެސް. އެހެންވީމަ އަޅުގަނޑުމެން ޖެހުނީ އަލުން ބަލުން ހުރިހައި ކަމެއް ފަށަން. އެހެންވީމަ އަޅުގަނޑުމެންނަށް ވަގުތުކޮޅެއްނެގި މިފްކޯ އަނބުރާ އަލުން ކޮޅަށް ޖަހަން." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، މިފްކޯގެ އައު މެނޭޖްމަންޓުން ވަރަށް ގިނަ މަސައްކަތްތަކެއް ކުންފުނި ރަނގަޅުކުރަން ކުރިކަމަށެވެ. އެގޮތުން އައު އުޅަނދުތައް ގަނެ ކުންފުނީގެ ހިންގުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އަމްރު ފަހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ގަނެވިއްޖެ މަސްކިރާ ބޮޑު ބޯޓެއް. އަޅުގަނޑުމެންނަށް ގަނެވިއްޖެ މަސް ބޭރުކުރަން ބޮޑު ބޯޓެއް. އަޅުގަނޑުމެންނަށް އެތަނުގެ އިންޓާނަލް ޕްރޮސެސް ރަނގަޅުކުރެވިއްޖެ. އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖަކަށްވީ މަސް ބަންދުކޮށްފައި ވިއްކާ ވިއްކުން ވަރަށް މަދު. ގިނައަދަދެއްގެ މަސް މި ވިއްކަންޖެހެނީ ގަނޑުކޮށްފައި ތައިލޭންޑަށް. އެއީ އާންމުކޮށް ޒަމާނުންސުރެ މިފްކޯއިން ކުރަމުންއައި ކަންތައް. އެކަން ކުރީމައި އަޅުގަނޑުމެންނަށް އިނގޭ މަސްވެރިންގެ އަތުން ގަންނަ އަގަށްވުރެ ވިއްކާ އަގު ހެޔޮކަން. އެހެންވީމަ ދެކޮޅެއް ނުޖެހޭ. ދަށައް ދަމުން ދަމުންދާނީ. އެގޮތައް ދޫކޮށްލާފައި ކުރިން އޮތީ." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ރާއްޖޭގައި ޒަމާނުންސުރެ އޮތްގޮތަކީ ގަނޑުކުރި މަސް ބޭރަށް އެކްސްޕޯޓްކުރުންކަމަށެވެ. މިގޮތައް ކަންތައް ކުރުމުގެ ސަބަބުން ދެކޮޅު ނުޖެހޭކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން ބޭނުންވަނީ ރާއްޖޭގައި ބާނާ ހުރިހައި މަހެއްވެސް ދަޅުގައި ނުވަތަ ޕެކެޓެއްގައި ބަންދުކޮށްފައި ބޭރުކުރެވޭނެ ގޮތެއް ހޯދުންކަން ފާހަގަކުރެއްވިއެވެ. ފެލިވަރު އަދި ކޫއްޑޫ ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން ރާއްޖޭގައި ބާނާ ހުރިހައިމަހެއް ބޭރުކުރެވޭނީ ރާއްޖޭގައި ޕްރޮސެސްކުރެވިގެންކަމަށާއި، އެއިރުން ބޮޑު އިންގިލާބީ ބަދަލެއް އައިސް ފައިދާ އިތުރުވެގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުޅުނީ ފެލިވަރުގައި ކެޕޭސިޓީ ނެތީމަ ބޭރަށްވެސް ގެންގޮސްގެން އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ބާއްވައިގެން މަސް ދަޅުގައި ބަންދުކޮށްފައި ބޭރުކުރަން. ދެން އެ މަސައްކަތްތައް 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ގެންގޮސް ހަމަ 2020 ވަނަ އަހަރު އަންނަންވާއިރަށް ވަރަށް ބޮޑަށް ސެޓްއަޕް ހެދުނު. އެހެންނަމަވެސް ކޯވިޑް ކަންތަކާއިއެކު އެކަން އޭރުގައި ކުރިއަށްދާގޮތް ނުވީ. 2021 ވަނަ އަހަރުގެ މެދުތެރެއިން ފަށައިގެން އެ މަސައްކަތް ކުރިއަށްގެންދަން އެބަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު އެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ފެށިއްޖެ. އަގުވެސް ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެވިއްޖެ އަޅުގަނޑުމެންނަށް ލިބޭ." އަމްރު ވިދާޅުވިއެވެ.
މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެއް މައިނާރެވެ. މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިންމު ކުންފުންޏެކެވެ. އެހެންކަމުން މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިނގުންވާނީ ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ އެދެވޭ އަސަރުކުރާނެކަމަކަމަށެވެ.