އީރާނުން ތެޔޮ ވިއްކުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅަކަށް ލުއި ދިނުމުން، އީރާނުން ޖަޕާނުގެ ކުންފުނިތަކަށް ތެޔޮ ވިއްކުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ 60 ދުވަހުގެ ޞުލްޙައިގެ މްޝަވަރާތަކުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަގުތީ ގޮތަށް ލުއި ދިނުމަށް ނިންމާފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވާނީ އޮގަސްޓު މަހުގެ 21ވަނަ ދުވަހުއެވެ.
އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަކިވެ، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ޖަޕާންއާއި ދެކުނު ކޮރެޔާއާއި އިންޑިޔާއާއި ވިލާތުގެ ޤައުމުތަކުން ވަނީ އީރާނުގެ ތެޔޮ ގަތުން ހުއްޓާލައިފައެވެ. ފާއިތުވި އަހަރުތަކުގައި އީރާނުގެ ތެޔޮ މައިގަނޑު ގޮތެއްގައި ގަންނަމުން ދިޔައީ ޗައިނާއިންނެވެ.
އެނގިފައިވާ ގޮތުގައި ޖަޕާނުގެ ތިން ކުންފުންޏަކުން ދަނީ އީރާނުން ސާފުނުކުރާ ތެޔޮ ގަތުމާމެދު ވިސްނަމުންނެވެ. އެ ގޮތަށް އެ ކަން ހިނގައިފި ނަމަ އެއީ ޖަޕާނުގެ ކުންފުންޏަކުން 2019ވަނަ އަހަރަށަށްފަހު އީރާނުން ތެޔޮ ގަންނަ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. ނަމަވެސް ތެޔޮ ގަތުމާމެދު ވިސްނަމުންދާ ކުންފުނިތަކުން އެދެނީ އީރާނާއެކު ތެލުގެ ވިޔަފާރި ކުރެވޭ މުއްދަތު އިތުރުކުރުމަށް ކަމަށާއި، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުަމަށް ކަމަށް މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އީރާނުން ޖަޕާނަށް މުދާ އުފުލުމަށް ދިގު މުއްދަތެއް ނަގާތީ އެމެރިކާއިން ލުއިދީފައިވާ މުއްދަތު އިތުރުކޮށްގެން ނޫނީ ޖަޕާނާއެކު އެއްބަސްވުމަކާ ހަމައަށް ނާދެވޭނެ ކަމަށެވެ. އެ ފަދަ އެއްބަސްވުމެއްގެ ދަށުން ޖަޕާނުގެ އުޅަނދުފަހަރަށް ތެޔޮ ބަރުކުރާނީ އީރާނުގެ ޖަޒީރަތުލް ޚާރިޖުންނެވެ.
އީރާނުގެ ތެލާބެހޭ ވުޒާރާގެ އިސްވެރިއަކު ވިދާޅުވީ އީރާނުގެ ޤައުމީ ތެޔޮ ކުންފުނި، އެންއައިއޯސީއިން ކުރީގެ ބައެއް ކަސްޓަމަރުންނާއެކު ތެޔޮ ވިއްކުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމްކޮށް ފިޔަވަޅުތައް އުވާލައިފިނަމަ އެ ކުންފުނިތަކާއެކު އަލުން ވިޔަފާރި ކުރުމަށް އީރާނުން އެދޭ ކަމަށް އަންގާފައިވާ ކަމަށެވެ.