ޚަބަރު

އޭސީސީއަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ނަންފުޅުތައް ދިރާސާކުރަން ކޮމިޓީއަށް


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 40އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައި ވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން އިސްކަންދެއްވާފައިވަނީ ފަސް ބޭފުޅަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • 1- އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
  • 2- - އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
  • 3- އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
  • 4- އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
  • 5- އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

މި ނަންފުޅުތަކުގެ ތެރެއިން އެއްވަނާގައި އޮތް ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ދެވަނާގައި އޮތް ޢަބްދުއްސަލާމް ޢަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.
މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީއަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ފަސް ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އޭސީސީއަށް ފަސް މެންބަރަކު އައްޔަންކުރައްވަން ރައީސް މަޖިލީހަށް މިފޮނުއްވީ، ކުރިން އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.