ޚަބަރު

ގިނަ ދާއިރާތަކަކުން ސްޕެޝަލިސްޓުންގެ ޚިދުމަތް ކައިރި މުސްތަޤްބަލެއްގައި އަތޮޅުތެރޭގައި ފެށޭނެ: ރައީސް


ގިނަ ދާއިރާތަކަކުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންގެ ޚިދުމަތް ކައިރި މުސްތަޤްބަލެއްގައި ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފާދިއްޕޮޅު ނައިފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ނައިފަރުގައި 100 ހައުސިންގ ޔުނިޓް ބިނާކުރި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން އެދޭކަމާއި މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންކަން ފާހަގަކުރައްވައި ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމަށެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ސްޕެޝަލިސްޓުން ހޯދައި ގިނަ ދާއިރާތަކަކުން ސްޕެޝަލިސްޓުންގެ ޚިދުމަތް ކައިރި މުސްތަޤްބަލެއްގައި ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމަށް ފަހު ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.