ފާދިއްޕޮޅު ނާއިފަރު މަދުރަސަތުލް އިފްތިތާޙްގައި ސަރުކާރުން ޢިމާރާތްކުރި 10 ކްލާސްރޫމްގެ ޢައު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. މަދުރަޞަތުލް އިފްތިތާޙްގައި ޢިމާރަތްކުރި ތިން ފަންގިފިލާގެ އައު ޢިމާރާތުގައި 10 ކްލާސްރޫމްގެ އިތުރުން ސްޓާފްރޫމަކާއި އޭވީ ރޫމެއް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވަނީ ސްކޫލުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އައު ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އާޢިޝަތު ފަރުހަތު ވިދާޅުވީ، އައު ޢިމާރާތާއެކު ސްކޫލްގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް ސަރުކާރުގެސިޔާސަތާ އެއްގޮތަށް އެއް ދަންފަޅިއަށް މި ސްކޫލްގެ ކިޔެވުން ބަދަލުކުރުމަށް އަދިވެސް އިތުރު ކްލާސްރޫމާއި ވަސީލަތް ބޭނުންވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ޕްރިންސިޕަލް ވަނީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ސްކޫލްތަކުގެ ވަސީލަތްތައް ފުރުހަމަކުރުމުގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި މަތީ ތަޢުލީމްގެ ލޯން ޕްރޮގްރާމާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމެވި ނިންމެވުމަކީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ދައްކުވައިދޭކަމެއްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
"ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި މަތީ ތަޢުލީމްގެ ލޯންގެ ޚިދުމަތް މީ އަދުގެ ދަރިންގެ މަތީ ތަޢުލީމަށް ލިބިގެންދާ މުހިންމު ފުރުޞަތުތަކެއް. މީގެ އިތުރުން ސްކޫލްތައް ބިނާކުރުމާ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމާއި މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރަމްތަކަކީވެސް ތަޢުލީމަށްޓަކައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކެއްކަން ފާހަގަކޮށްލަން." ޕްރިންސިޕަލް އާޢިޝަތު ފަރުހަތު ވިދާޅުވިއެވެ.
ނައިފަރުގައި ހުންނަ މަދުރަސަތުލް އިފްތިތާހަކީ އަތޮޅުތަކުގައި ހުރި އެންމެ ދުވަސްވީ ސްކޫލެވެ. 22 ޖޫން 1933ގައި ހުޅުވި މަދުރަސަތުލް އިފްތިތާހަށް މިއަހަރު 89 އަހަރު ފުރޭނެއެވެ.
މިސްކޫލްގައި 1000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާއިރު 93 މުދައްރިސުންނާއެކު 127 މުވައްޒަފުން މަސައްކަތްކުރަމުން ދެއެވެ.