ޚަބަރު

ރައީސްގެ އަމިއްލަފުޅު ރަށުން ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ އުފަން ރަށް، ޅ.ހިންނަވަރަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ 6 ރަށަކަށް ކުރައްވާ މިދަތުރުފުޅުގައި މަޑިވަރު އެއަރޕޯޓް ހުޅުއްވާދެއްވުމަށްފަހު މިއަދު ހަވީރު ވަޑައިގަތީ ހިންނަވަރަށެވެ. އެރަށަށް ވަޑައިގަތުމުން ރަށުގެ ގިނަ ޢަދަދެއްގެ ކުދި ބޮޑު ރައްޔިތުން ނިކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އެގޮތުން ރައީސްއަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި ރައްޔިތުންނާއި ސަލާމް ކުރެއްވުމުގައި ރައީސް ވަނީ 45 މިނެޓް ހޭދަކުރައްވާފައެވެ.

ރައްޔިތުންނާއި ސަލާމްކުރެއްވުމަށްފަހު ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ ނުރާނީއާގޭގެ ކުރިމަތީގައި މަރުހަބާ ދެންނެވުމަށް އޮތް ސަގާފީ ހަރަކާތެއް ބައްލަވާލައްވާފައެވެ.

ރައީސް ހިންނަވަރަށް މިއަދު ވަޑައިގެންފައިވާއިރު، މިއީ ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި އަމިއްލަފުޅު ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންފައިވެއެވެ.

ހިންނަވަރަކީ ސަރުކާރުން ހިންގާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ރަށެކެވެ. އެގޮތުން އިންޖީނުގެ އައު ޢިމާރާތާއި ނެޓްވާރކް އަޕްގްރޭޑްކުރުމާއި ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ނިޒާމާއި، މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުވަނީ ޓެންޑަރކޮށްފައެވެ.

ރައީސް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.