މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން 720 ފުރުޞަތު ހުޅުވާލައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ޚާއްޞަ 417 ފުރުޞަތަކާއި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްފައިވާ 303 ފުރުޞަތެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މަތީ ތަޢުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫންކަމަށާއި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. މިގޮތުން މިއަހަރުގެ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ އެ ވަޢުދުފުޅައި އެއްގޮތަށް މަތީ ތަޢުލީމްގެ ލޯން ސްކީމަށް ހުޅުވާލި 720 ފުރުޞަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރިގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް އުނގެނުމަށް ހުޅުވާލި 720 ފުރުޞަތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚައްޞަ 417 ފުރުޞަތާއި މިވަގުތު ކިޔަވަމުންދަ ދަރިވަރުންނަށް 303 ފުރުޞަތުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައިވަނީ މިސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %3އިން އިން %1އަށް ކުޑަކުރުމަށްފަހުކަމަށެވެ.
"މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ %5 އިން %3 އަށް ކުޑަކޮށްފަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މި އެޑްމިނިސްޓްރޭޗަން ފީގެ ގޮތުގައި %1 އަށް ކުޑަކުރުމަށްވާނީ ކަނޑައަޅަ އިއުލާންވެސްކޮށްފަ. މިއަދު އަޅުުގަނޑުމެން މި ސްކީމް މި ހުޅުވާލަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %1 އަށް ކޫޑަކުރުމަށްފަހު. އެއީ މިއަހަރުގެ ސްކީމަށް ޚައްޞަވާ އެއް ސަބަބު." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ނުވިނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތަށް ފުރުޞަތު ފަހިކޮށްދެއްވީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތިއާއި، ކޯވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެފައިވާތީކަމަށެވެ. މީގެ އިތުރުން މި ބަދަލު ގެނައުމުގައި ރާއްޖޭގެ ކޮލެޖުތަކުގައިވެސް މާސްޓަސްއަށް ކިޔެވުމުގެ ފުރުޞަތު އޮތުމަކީވެސް މާސްޓާސް ޑިގްރީއަށް ލޯން ސްކީމް ހުޅުވާލި ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ މި ފުރުޞަތުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި ތިބެގެން މާސްޓަސް ޑިގްރިއަށް ކުޔެވުމުގެ ފުރުޞަތު ފަހިވެ އޭގެ ބޭނުން ހިފާނެކަމަށް. އަދި މީގެ ހެޔޮފައިދާ ރާއްޖޭގެ ކޮލެޖްތަކަށްވެސް ލިބިގެންދާނެކަމަށް." މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުގެ ލޯން ސްކީމްގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދިނީ ވަކި ދާއިރާތަކަކުންކަމަށެވެ. ނަމަވެސް މިއަހަރު ލޯން ސްކީމަށް ފުރުޞަތު ހުޅުވަލާފައިވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް އެ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާނަމަ އެ ފުރުޞަތު ލިބޭގޮތަށްކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށްވެސް ލޯން ސްކީމަށް 40 ސްލޮޓް ރިޒާވް ކޮށްފައިވާކަަމަށެވެ. ވަކި ޢަދަދަކަށް ސްލޮޓް އެމްބީބީއެސްއަށް ޚާއްޞަކުރީ އެއީ ދިގު މުއްދަތަކަށް ކިޔަވަންޖެހޭ ކޯހަކަށްވެފައި ވަރަށް ބޮޑު ހޭދައެއް ކުރަންވެސް ޖެހޭތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާނީ 3 މާރިޗް ވަނަ ދުވަހުގެ 13:30ގައެވެ.
މިނިސްޓަރ ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް މިފަހަރުގެ މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާނެކަމަށެވެ. އެ ފަރާތްތަކުން ލޯނަށް ހުށައަޅާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އެނގޭ ލިޔެކިއުން ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރުގެ ލޯން ސްކީމަށް އެޕްލިކޭޝަން ހުށައަޅަން ހުޅުވާލާފައި މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން ހުށައަޅާ ފޯމްތައް ޗެކޮށް މަދުވާ ލިޔެކިޔުންތައް ހުށައެޅުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަނުވެ، މޯލްޑިވިއަންގެ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދެމުން އަންނަކަމަށެވެ. ނަމަވެސް އެއީ ޚާއްޞަ ސްކީމެއްގެ ދަށުން ދޭ އެހީކަމަށާއި، އެއީ މަތީ ތައުލީމްގެ ލޯނުގެ ދަށުން ދޫކުރާ ފައިސާ ނޫންކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ހުރި ސަރަހައްދުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްސަ ގޮތެއްގައި އެއްވެސް ކުއްޖަކު ބާކީނުކޮށް މަތީ ތަޢުލީމްގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެއްވަމުންނެވެ.