މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތައް އައްޑޫސިޓީ ގަމަށް ފެށުމަށް ތައްޔާރު ވަމުންދާކަމަށް މަންޓާ އެއާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން މަންޓާއިން އިން ބުނީ، ދަތުރުތަށް ފެށުމަށް ބޭނުންވާ ހުއްދައަށް ސިވިލް އެވިއޭޝަން އޮތޯރިޓީގައި މިހާރު އެދިފައިވާ ކަމަށާ، ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތަށް ފަށާނެ ކަމަށެވެ. ނަމަވެސް އަދި ސީދާ ތާރީޚެއް ޔަޤީންކޮށްދެވެން ނެތްކަން ހާމަކުރަމުން އެކުންފުނީން ބުނީ، ކުންފުނީގެ އަމާޒަކީ މިމަހުގެ ފަހުކޮޅަށް ދަތުރުތަށް ފެށުން ކަމަށެވެ.
އައްޑުއަށް ޝެޑިއުލް ދަތުރުތަށް ފެށުމަށް މަންޓާއިން ތައްޔާރުވަމުން އަންނައިރު، ކޮންމެ ދުވަހަކުވެސް އެއް ފްލައިޓު އައްޑުއާއި މާލެއާ ދެމެދު ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ސްރީލަންކަންގެ ޝެޑިއުލްއާ ދިމާކޮށް ހުވަދޫއަށްވެސް މަންޓާ އެއަރގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުންދާ ކަމަށް މަންޓާއިން ބުނެއެވެ.
އައްޑުއަށް ދުވާލަކު އެއް ފްލައިޓު ދަތުރުކުރާއިރު ޓިކެޓް އަގުތަށް ސިވިލް އެވިއޭޝަންގެ ހުއްދަތައް ހަމަޖެހުމާއިއެކު ހާމަކުރާނެކަމަށް މަންޓާ އެއަރއިން ބުނެއެވެ. އެކުންފުނީގެ މިދަތުރުތަކަކީ ހިތްފަސޭހަ ދަތުރުތަކަށް ވާނެކަން ފާހަގަ ކުރައްވައި މަންޓާއިން ބުނީ، މިދަތުރުތަކުގައި ބޭނުން ކުރާނީ އޭޓީއާރް ބޯޓުތައް ކަމަށެވެ. އަދި މި ބޯޓުތަކުން ރާއްޖޭގެ އެހެން އެއާލައިންތަކަށްވުރެ ފުޅާކޮށް ޚިދުމަތް ފޯރުކޮށްދޭނެކަމަށް އެކުންފުނިން ބުނެއެވެ.
މަންޓާ އެއާގެ ރަސްމީ ދަތުރުތަށް ފަށާފައިވަނީ 2019ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަންޓާއެއަރގެ ޝެޑިއުލް ދަތުރުތަށް މިވަގުތު ކުރަމުންދަނީ ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫއަށެވެ. މީގެ އިތުރުން ޗާޓަރ ދަތުރުތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކުރެއެވެ.