ވިޔަފާރި

ހުޅުމީދޫ މިފްކޯ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ!


އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމްކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީން މިދިޔަ އަހަރު އެޕްރީލް މަހު މަސައްކަތް ފެށި، މިފްކޯ ބަނދަރު ފުން ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ހުޅުދޫ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާ އެކުގައެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އައު ހާބަރު ބޭސިންގެ %75 މަސައްކަތް ނިމިފައިވާއިރު، ނެރު ފުން ކުރުމުގެ މަސައްކަތުގެ 67 އިންސައްތަ ވަނީ ފުރިހަމަ ވެފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މިފްކޯ ބަނދަރު ފުން ކުރުމަށް ނެގި ވެލި ހުޅޫދޫގެ ކުރީގެ ބަނދަރު ސަރަހައްދު ހިއްކުމަށް ވަނީ ބޭނުންކޮށްފައެވެ. ހުޅުދޫ ބަނދަރު ހިއްކައި އައު ބަނދަރު މިހާރު އޮތް ބަނދަރުގެ ބޭރުން އިތުރަށް ބޮޑުކޮށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ވެސް ކުރިއަށ ގެންދަނީ އެމްޓީސީސީންނެވެ.

އައްޑޫސިޓީ ހުޅުމީދޫ މެދު ބަނދަރުގެ އެއްފަޅި، މިފްކޯ ބަނދަރުގެ ގޮތުގައި ބޭނުން ކުރަމުން އަންނައިރު މި ބަނދަރަށް ބޮޑެތި ބޯޓުތަކަަށް ނުވަދެވެއެވެ. އެހެން ކަމުން ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްކިރުވުމާއި އަދި މަސް ބޭރުކުރުމަށް ދަތިތަކާއި ކުރިމަތިވެއެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ އިތުރުން، 1788 އަކަމީޓަރުގެ ބިން ހިއްކުމާއި 97 މީޓަރުގެ ބަނދަރު ތޮށްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތަކީ 68 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.