އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް މިމަހުގެ 10ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓަރ މަޚުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފަށް ލިބިފައިވާ މައްސަލާގައެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރި ނަމަވެސް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ވަނީ އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ.
ކުރިމިނަލް ކޯޓުން މިއަދު ވިދާޅުވީ، މިމައްސަލައަކީ ގިނަ ބަޔަކު ވަނުމަށް ނަންނޯޓް ކޮށްފައިވާ މައްސަލައަށް ވުމާއި، އެފަދަ ގިނަ މީހުން ކޯޓު ރޫމަށް ގެނެސް، ގެންގޮސް ކޯޓު ރޫމް މެނޭޖުކުރަން ބޭނުންވާ ސެކްޝަންގެ ކޯޓް އޮފިސަރުން ކޯވިޑަށް ޕޮޒިޓިވްވުމަށްފަހު މިހާރު ބަލިން ފަސޭހަވެ އޮފީހަށް ނިކުންނަން ފަށާފައިވާކަމަށެވެ.
ގިނަ ބަޔަކު ހާޒިރުކޮށްގެން ހިންގޭ ޝަރީއަތެއް ބޭއްވޭވަރަށް މައްސަލަ ބަލާ ސެކްޝަންގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން، މަހުލޫފްގެ މައްސަލަ މިމަހުގެ 10ވަނަ ދުވަހު 13:30އަށް ތާވަލްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުންވަނީ ވިދާޅުވެފައެވެ.
އެސްއޯއެފްގެ ޗެކަކުން މަޚުލޫފުގެ އެކައުންޓަށް 33,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އަޙްމަދު މަޚްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން އެގެން އޮތްކަމަށެވެ.
މަޚްލޫފްގެ މައްޗަށްކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭބަންދުކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެއެވެ.