ޚަބަރު

ސަލާމް ބުނެގެން އުނިކޮށްފައިވާ ފައިސާ އަނބުރާ ދޭން ނުޖެހޭ - އޭޖީ


ސިވިލް ސާރވަންޓޫން ސަލާމް ބުނެގެން އުނިކޮށްފައިވާ ފައިސާ އަނބުރާ ދޭން ނުޖެހޭނަކަމަށް ދައުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވެއްޖެއެވެ.އެ އޮފީހުން މިހެން ވިދާޅުވީ ސިވިލް ސާރވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނިކުރިމަށް ސިވިލް ސާރވިސް ކޮމިޝަނުން އެކުލަވާލި އުސޫލްގެ ދަށުން ކަނޑާފައިވާ ފައިސާ އަނބުރާ ހޯދުމަށް އަމިއްލަ ފަރާތަކުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށައަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ. ސަލާމް  ބުނާ ދުވަސްތަކަށް ފައިސާ ކެނޑޭގޮތަށް ސިވިލް ސާރވިސްގެ ގަވައިދްގައި ހިމެނި މައްދާއަކީ ގާނޫނު އަސާސީ އާއި ހިލާފް މައްދާއެއްކަމަށް ކަނޑައަޅުއްވާ ދާދި ފަހުން ހައިކޯޓުން ވަނީ އެ މައްދާ ބާތިލްކުރައްވާފައެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް އަމިއްލަ ފަރާތަކުން އަންނަނީ ސިވިލް ސާރވިސް ކޮމިޝަނާއި ދެކޮޅަށް  ދައުވާކުރަމުންނެވެ.އެ މައްސަލައަށް ޖަވާބްދާރީވަމުން ދައުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވީ ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމެއް ކޯޓަކުން ބާތިލްކުރުމުން އެ ހުކުމެއްގެ ބާރު ފެށިގެންދާނީ އެ ހުކުމެއް ކުރާ ވަގުތުން ފެށިގެން ކަމަށް ސުޕްރީމްކޯޓުން މީގެ ކުރިން ނިންމާފައިވާކަމަށެވެ. އެހެންކަމުން ސަލާމް ބުނުމުން ފައިސާ ކެނޑޭނެކަމަށް ސިވިލް ސާރވިސްގެ ގަވައިދްގައިވާ މައްދާ ބާތިލްކަމަށް ހައިކޯޓުން ހުކުމް ކުރުމުގެ ކުރިން  ސަލާމް ބުނެގެން އުނިކޮށްފައިވާ ފައިސާ ދޭން ނުޖެހޭނެކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވެފައިވެއެވެ. ސަލާމް ބުނުމުން ފައިސާ ކެނޑޭނެކަމަށް ސިވިލް ސާރވިސް ގަވައިދުގައި ބުނި މައްދާ  ބާތިލްކޮށްދިނުމަށް އެދި ދައުވާކޮށްފައިވަނީވެސް ސިވިލް ސާރވަންޓެކެވެ.