ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނޭ މާލެ-ވިލިނގިލި ގުޅާމުގެ ސާވޭ ދެ ދުވަހުގެ ތެރޭގައި ފަށާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ގްރޭޓާރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާރވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓްތައް މިއަދު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި މި ޖިއޯޓެކްނިކަލް ސާރވޭގެ އަމަލީ މަސައްކަތްތައް ފެށޭކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތްތައް އަންނަމަހު ފެށޭވަރު ވާނެކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ބްރިޖްގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްގެންދާކަމަށެވެ. އެގޮތުން ބްރިޖްގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ތައްޔާރުކުރުމަށް، އިންޑަސްޓްރިއަލް ވިލެޖުން ބިން ކަނޑައަޅާ އެބިން ހުސްކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތެވެ. ބްރިޖްގެ މާލޭ ސައިޓު ހެދުމަށް ހަމަޖެހިފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއްގައެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހުއެވެ. ސަރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ދަނީ ކުރިއަށެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނެނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތެވެ.
މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.
މިއީ 500މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.