އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަމާޒު ހާސިލްކުރަނީ ދައުލަތުގެ ރިޒާވް ހަރުދަނާ ކޮށްގެން ކަމަށެވެ.
ދައުލަތުގެ ރިޒާވް ދަށްވެ، އަސާސީ މުދާތައް އެތެރެކުރުމަށް ބޭނުންވާ މިންވަރަށްވެސް ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އަސާސީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ މިންވަރަށް ރިޒާވް ދަމަހައްޓަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކާށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު އިޤްތިޞާދު އޮތީ ވަރަށް ދަތިހާލެއްގައި ނަމަވެސް އެމަނިކުފާނު އިސްކަންދެއްވީ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކޮށް، ރާއްޖެ ބަނގުރޫޓު ނުވެ ހިފެހެއްޓުމަށް ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ރިޒާވު ވަރަށް މަތިކޮށް ތާރީޚުގައިވެސް ރިޒާވު މަތިނުވާ މިންވަރަށް މަތިވެގެން ދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ފެބުރުވަރީ މަހު ރިޒާވް 1.2 ބިލިޔަން ޑޮލަރަށް މަތިކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ތެރޭގައި މެދު އިރުމަތީގެ ހަނގުރާމައާއެކު ތެލުގެ އަގު އުފުލި ވިޔަފާރީގެ މާހައުލު އެއްކޮށް ބަދަލުވެގެން ދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދަޅުވިއެވެ.
މިކަންކަމުގެ އަސަރު ހުރިހާ ޤައުމަކަށް ކުރިއިރު، ރާއްޖެއިން ދަރަނި ދެއްކުމަށް ކުރަމުން އައި މަސައްކަތުގެ ނަތީޖާއަށްވެސް މިކަމުން އަސަރުކުރި ކަމަށް ވިދާޅުވިއެވެ. މިހާލަތުގައި 500 މިލިޔަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑު ދަރަނިތައް ދެއްކި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން. އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވީއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ކުރަމުންދާ މަސައްކަތު ނަތީޖާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދަރަނި އަދާކުރުމުގެ ކަންކަން ކުރަނީ ރިޒާވުން އެކަނި ނޫން ކަމަށާއި، ދަރަނި ދެއްކުމަށް ޤާއިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުވެސް ތަރައްޤީކޮށް ކުރިއަށް ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ކަމުން މިމަސައްކަތުގެ ފައިދާ މުސްތަޤުބަލުގައި ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނު ބޭރަށް ވަޑައިގަންނަވާއިރު ބާއްވާ އިންވެސްޓަރ ފޯރަމުތަކުގެ ތެރެއިންނާއި އެކި ގޮތްގޮތުން ރާއްޖޭގައި އިންވެސްޓަރުންނަށް އޮތް ފުރުސަތުތައް ކިޔައިދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެހެންވީމަ ބޮޑެތި ދުނިޔޭގެ ބޮޑެތި ބައިވަރު އިންވެސްޓަރުންނާއި ކުންފުނިތަކުން މިއަންނަނީ. އިރާދަކުރެއްވިއްޔަ ކުރިއަށް އޮތް ދުވަސްތަކުގައި، ބޮޑެތި އިންވެސްޓަރުންވެސް ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންވެސް އަންނާނެ. މިސާލަކަށް ޓުއަރިޒަމް ސެކްޓަރވެސް މަސްވެރިކަމުގެ ސިނާޢަތްވެސް އަޅުގަނޑުމެން ސިންދަފާތު މިކުރަނީ. އަދި ކޮންމެ ދިމާލަކަށްވެސް ކޮންމެ ދައިރާއަކަށްވެސް، އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ އެކިކަހަލަ ވިޔަފާރިތައް އަންނާނެ އިރާދަކުރެއްވިއްޔާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރުވެސް ރާއްޖެއަށް އިންވެސްޓްކުރާނެ ފަރާތްތައް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އައިލާ މަޝްރޫޢުގެ އިތުރަށް، ރަސްމާލޭގައި ތަރައްޤީކުރަން އީގަލް ހިލްސްއާޢި ހަވާލު ކުރި މަޝްރޫޢުގެ ގޫގުލްއިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިފަދަ މަޝްރޫޢުތަކާއެކު އިންވެސްޓަރުންގެ އިތުބާރު މުސްތަޤުބަލުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.