މާލެ ސަރަޙައްދާއި ރާއްޖެތެރޭގައި ކޯވިޑް ބަލި ފެތުރޭ މިންވަރު މިދުވަސްވަރު އިތުރުވެފައިވާތީ، ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމާއި އަދި މި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުމަށް ވަނީ އަންގާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ދުވަސް ނުވަތަ 4 ވަނަ ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުވުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ސްކޫލްތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ކޮންމެ ސްކޫލުގައިވެސް ހަމަޖައްސާފައި ހުރުމަށް ވަނީ އަންގާފައެވެ.
މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލްގެ ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއެ ނުވަތަ އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ކޮންމެ ސްކޫލެއްގައި ޤާއިމުކޮށްފައިވާ "އިންފެކްޝަން ކޮންޓްރޯލް މެޝަރސް"ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ތަންތަނާއި އިދާރާތަކަށް އަންގާފައެވެ. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އެޗްޕީއޭއިން އާންމު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އަތޮޅުތަކެކޭވެސް އެއްގޮތަށް މާލެ ސަރަޙައްދުގައި ވެސް ކޯވިޑް ކޭސްތައް މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި ވޭތުވެދިޔަ ހަފްތާ ތެރޭގައި މާލެ ސަރަޙައްދުން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު ހުރީ 200 އިން މަތީގައެވެ.