ޚަބަރު

އޭ.ޑީ.ކޭގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ހެޔޮ ބަދަލުތަކެއް އައިސްފި: ރައީސް


ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭ.ޑީ.ކޭއިން ސިއްޙީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީއަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޭ.ޑީ.ކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދިޔަ 35 ގަޑިއިރުގެ ދުވުމުގެ ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، 1987 ވަނަ އަހަރު މާލޭގައި ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކްލިނިކެއް ގޮތުގައި ހުޅުވިތަނަށް 35 އަހަރުވެގެންދާއިރު، މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށް ވެގެންދާނެކަމަށް މާގިނަ ބަޔަކު އޭރު ޤަބޫލު ނުކުރާނެކަމަށް ވިދާޅުވިއެވެ. މިއީ ވަރަށްގިނަ ބައެއްގެ ބުރަ، ބޮޑު މަސައްކަތެއްކަމަށާއި، މިއީ ވަރަށް ވިސްނުންތެރިކަމާއެކު، އޭޑީކޭ ނާޝިދު ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލްކުރަމުން. އެއިން ކޮންމެ ކާމިޔާބަކީ، ޢާންމު ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ކުރިއެރުމެއް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭޑީކޭއިން ރާއްޖެއަށް އައު ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރަމުން އަންނަކަން ފާހަގަކުރައްވާ އެކަމަށް ރައީސް ތަޢުރީފްކުރެއްވިއެވެ. އެގޮތުން އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތާރީޚަށް ބަލާއިރު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްވުމުގައިވެސް އެ ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައިކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިންކަން ފާހަގަކުރައްވާ ރައީސް ވަނީ ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި އޭޑީކޭގައިކަމަށް ވިދާޅުވެފައެވެ. އަދި ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީވެސް ހަމައެކަނި އޭޑީކޭގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭ.ޑީކޭގައި ތަޢާރުފް ކުރެއްވުމަށް އޭޑީކޭއިން ކުރާ މަސައްކަތްތަކަށްވެސް ރައީސް ތަޢުރީފްކުރެއްވިއެވެ.

"އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ވެއްޖިއްޔާ، މިހާރު ތައްޔާރުވަމުންދަނީ ވަރަށް އަވަހަށް އިތުރު ޚިދުމަތްތައް ފެށުމަށް. މި ހޮސްޕިޓަލުން ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރުފް ކުރަން. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސްގެ ވާހަކަފުޅުގައި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ތެރެއިން މާގިނަ ބަޔަކަށް ނޭނގި އޮތް، ނަމަވެސް ވަރަށް މުހިންމު ދާއިރާއަކީ މީހުން ބިނާކުރުންކަމަށް ވިދާޅުވިއެވެ. އެއީ އެ ހޮސްޕިޓަލުން ވަރަށް އިސްކަންދޭ ކަމެއްކަމަށާއި، އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، އެ ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއްވެސް ހިންގަމުން. އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންވެސް ކޮށް ނިންމައިފި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް، އެ ސްކޫލްގައި ފެށުމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ނާޝިދު."

މި ނޫނަސް އޭ.ޑީ.ކޭ.އިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަކަމަށާއި، ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިސާއެއްގައި، ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އޭ.ޑީ.ކޭ. އެންމެ ކުރީ ސަފަށް ނުކުންނަކަން ފާހަގަކުރައްވާ ރައީސް ވަނީ އޭ.ޑީ.ކޭ.ގެ ވެރިންނަށް ޝުކުރު ދަންނަވާފައެވެ.

ޚާއްޞަކޮށް، ފާއިތުވި35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކުރެވޭކަމަށާއި، ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، އެ ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޤަބޫލުފުޅުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.