ޚަބަރު

އެކައުންޓު ކުއްޔަށް ދިނުމަކީ ޤާނޫނީ ކުށެއް، ފިޔަވަޅު އަޅާނަން: ފުލުހުން


  • އެކައުންޓަކުން ހިންގާ މުއާމަލާތްތަކަށް ވެރިފަރާތުން ޒިންމާވާން ޖެހޭނެ

  • ޔޫޒަރނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ހިއްސާނުކުރަން އިލްތިމާސްކުރެއްވި

  • ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ 911 އަށް ގުޅުމަށް އިލްތިމާސްކުރެއްވި

ބެންކު އެކައުންޓުގެ ހަގީގީ ވެރިފަރާތް އޮޅުވާލުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށާއި، މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ކަމާބެހޭ މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަމުން ދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގެ މަންސަތަކުގައި، އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް "ކުއްޔަށް" ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ނުވަތަ "ދުވަހު މުސާރައެއް" ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޮންމެ ބޭންކް އެކައުންޓަކީ އެ އެކައުންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަންޖެހޭ އެކައުންޓެކެވެ.

އެކައުންޓެއް މެދުވެރިކޮށް ހިންގާ ހުރިހާ މުއާމަލާތަކީ، އެކައުންޓުގެ ވެރިފަރާތުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ހިނގާ މުއާމަލާތްތަކަކަށް ވާންޖެހެއެވެ.

އަދި އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާއި، ބޭންކިންގ އުސޫލުތަކާ ހިލާފު، މުއާމަލާތުގެ ހަގީގީ ވެރިފަރާތް އޮޅުވާލުމަށް ހިންގޭ ޖިނާއީ އަމަލެކެވެ. ފުލުހުން ވިދާޅުވީ، ހަގީގީ ވެރިފަރާތް އޮޅުވާލުމަކީ މި ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ.

ބޭންކިންގއާ ބެހޭ ގާނޫނާއި ބޭންކުގެ އުސޫލުގައިވާގޮތުން، ޔޫޒަރނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ އިތުރުން، ކަސްޓަމަރުންގެ ފަރާތުން ވާ އިހުމާލެކެވެ. މީގެ ސަބަބުން މާލީ ގޮތުން ލިބޭ އެއްވެސް ގެއްލުމަކަށް ބޭންކުން ޒިންމާ ނުއުފުލާނެއެވެ.

ފުލުހުން ވިދާޅުވީ، އެކައުންޓެއް މެދުވެރިކޮށް ހިންގާ ކޮންމެ މުއާމަލާތަކަށް ގާނޫނީގޮތުން ޒިންމާވާން ޖެހޭނެ ފަރާތަކީ އެ އެކައުންޓެއްގެ ވެރިފަރާތް ކަމަށެވެ. އަދި ކުށްކުރާ ފަރާތްތަކުން އާންމު ރައްޔިތުންގެ އެކައުންޓްތައް ބޭނުންކުރަނީ، މަކަރާއި ހީލަތުން ފޭރޭ ފައިސާ ދައުރުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމަށް ކަމަށެވެ.

އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރުމަށް ދޫކޮށްލުމަކީ، އެފަދަ ޖިނާއީ ކުށްތަކަށް އެހީތެރިވެދިނުމުގެ އަމަލެއްކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކުގެ މައުލޫމާތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ވަނީ، ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އެފަދަ އިޝްތިހާރުތަކަށް އިޖާބަ ނުދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ފަދަ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރައްވުމަށްވެސް ގޮވާލެއްވިއެވެ.

ފުލުހުން ވިދާޅުވީ، ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކުރައްވައި ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ. ނުވަތަ 125 އަށް ގުޅުއްވައި އެކްޓެންޝަން 2020 ޖައްވައި އެންޓި-ސްކޭމް ސެންޓަރަށް އެކަން ރިޕޯޓްކުރައްވުމަށްވެސް އެދިފައިވެއެވެ.