ޚަބަރު

2015- ވޭތުވެ ދިޔަ 10 އަހަރުގެ ނިސްބަތުން އެންމެ ކުށް މަދު އަހަރު


ކޮންމެ ދުވަހަކު އެކި ފަރާތްތަކުން އެކި މައްސަލަތައް ފުލުހުންނަށް ހުށަހެޅިގެންދެއެވެ. އެއީ އަމިއްލަ ފަރުދުންނާއި އަމިއްލަ އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ޤާނޫނު ތަންފީޒުކުރެއްވުމަށްޓަކައި ފުލުހުން ކުރައްވާ ހޯދައިބެލުމުގެ މަސައްކަތުން ފާހަގަކުރެވޭ މައްސަލަތަކާއި އަދި ޤާނޫނު ތަންފީޒުކުރުމާއި ފާރަވެރިވުމާއި ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތައްވެސް ހިމެނޭގޮތުންނެވެ.ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ގިނަވުމާއި މަދުވުން ތިންކަމެއްގެ މައްޗަށް ބިނާވެގެންވެއެވެ. އެއްކަމަކީ، ކުށުގެ ޢަމަލުތަކުގެ ގިނަމަދުމިނެވެ. އަނެއް ކަމަކީ، ފުލުހުންނާއި މުޖުތަމަޢުތަކާ ގާތްކަން އުފެދި ކައިރިން މަސައްކަތްކުރުމުގެ އިންތިޒާމް ފުޅާކުރެވިފައިވާ މިންވަރެވެ. ތިންވަނަ ގޮތަކީ، މުޖުތަމަޢު، ކުށުގެ ޢަމަލުތަކާއި ޤާނޫނުތަކާ މެދު ހޭލުންތެރިވެފައިވާ މިންވަރާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާމެދު އުފެދިފައި އޮންނަ އިތުބާރާއި މައްސަލަ ހުށަހެޅުމާއި ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައި އޮންނަން ގޮތެވެ. މީގެ އިތުރަށް އެއިރެއްގައި މުޖުތަމަޢު ބޮޑަށް ސަމާލުކަން ދީފައިވާ ކަމެއްގެ ސަބަބުން ވަކި ބާވަތެއްގެ މައްސަލަ ހުށަހެޅޭ މިންވަރު އިތުރުވުމަކީވެސް ދިމާވެދާނެ ކަމެކެވެ.ކަން މިހެން ހުރުމާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ގިނަވުމަކީ ކުށްގިނަވާ ކަމެއްކަމަށް އަދި ހުށަހެޅޭ މައްސަލައިގެ ޢަދަދު މަދުވުމަކީ، ކުށް މަދުވާކަމެއް ކަމަށް މުޅިން ނިންމޭކަށް ނެތެވެ.ކުށުގެ ތަފާސްހިސާބަކީ، ހުށަހެޅޭ މަސައްލަތަކުން ނެގޭ އެއްޗެކެވެ. ހިނގާހާ ކަމެއް ތަފާސްހިސާބަކަށް ނާރާނެއެވެ. އަދި ހުށަހެޅޭހާ މައްސަލަތަކަކީ ކުށުގެ މައްސަލަތަކެއް ނޫނެވެ. ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ކުށުގެ މައްސަލައިގެ ގޮތުގައި ގުނޭނީ ކުށުގެ ޢަމަލު ހިމެނޭ މައްސަލަ އެކަންޏެވެ. ކުށުގެ ޢަމަލު ހިމެނޭ މައްސަލަ ކަނޑައަޅާނީ އެ ޤައުމެއްގައި، ކުށުގެގޮތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އަދި ކުށްކަމަށް ކަނޑަޅަން ޤާނޫނުގައި ބުނެފައި އޮންނަ ކަންކަމެވެ. މިއީ އެކި ޤައުމުތަކުގައި ވަރަށް ތަފާތު މިންގަނޑަކުން ބަލާ ކަމެކެވެ. އެއް ޤައުމެއްގައި ކުށަކަށްވާ ކަމެއް އަނެއް ޤައުމެއްގައި ކުށަކަށް ނުވެދާނެއެވެ. އެއީ އެކި ޤައުމުތަކުގައި ގެންގުޅޭ ޤާނޫނީ ހަމަތަކުގައި ހުންނަ ތަފާތުގެ ސަބަބުންނެވެ.މީގެ އިތުރަށް އިސްލާމީ މުޖުތަމަޢުތަކާއި އެހެން މުޖުތަމަޢުތަކުގައި ކުށްކަމަށް ބަލާ މިންގަނޑު ވަރަށް ތަފާތެވެ. ޒަމާނަށް ދެމިގެންދާ އާދަކާދަ އާއި ޘަޤާފަތަކީވެސް ބައެއް ޤައުމުތަކުގައި ޤާނޫނީގޮތުން ކުށްކަމަށް ކަނޑައެޅުމުގައި ރިޢާޔަތްކުރާ މިންގަނޑެކެވެ. އަދި ތަފާތު ޤައުމުތަކުގައި ކުށުގެ ޢަދަދާއި ބާވަތް ގުނާއިރު އެއްކުރެވި ބެލެހެއްޓޭ މަޢުލޫމާތު ޞައްޙަކަމާއި ޞައްޙަ ނޫންކަމުގެ ތަފާތުތައްވެސް ފާހަގަކުރެވެއެވެ.ހަމަ އެހެންމެ ކުށުގެ ޢަދަދާއި އާބާދީގެ ޢަދަދާ އަޅާބެލުމަކީވެސް އިންސާފުވެރި އުޞޫލަކަށް ނުބެލެވެއެވެ. އާބާދީ ވަރަށް ބޮޑު ޤައުމެއްގައި ކުށުގެ ޢަދަދު ހުރިވަރާއި އާބާދީ ވަރަށް ދަށް ޤައުމެއްގައި ކުށުގެ ޢަދަދު ހުރިވަރު ބަލައި އާބާދީގެ ނިޞްބަތުން ކުށުގެ ޢަދަދު ކަނޑައަޅާނަމަ އާބާދީ މަދު ޤައުމުތަކުގައި ކުށްގިނަކަމަށް ދައްކަފާނެއެވެ. މިސާލަކަށް ބަލާނަމަ، އިންޑިއާ އާއި އޮސްޓްރޭލިޔާގައި އަހަރަކު ވައްކަމުގެ މައްސަލަ ހުށަހޭ މިންވަރު ތިންސަތޭކަހާސް ނުވަތަ ހަތަރުސަތޭކަހާހަށް އަރައެވެ. އެކަމަކު މި ޢަދަދުތަކާ އަޅާބަލާއިރު ކޮންމެ ސަތޭކަހާސް މީހަކަށް ޖެހެނީ ތިނެއް ނުވަތަ ހަތަރެއް ވައްކަމެވެ. ނަމަވެސް އޮސްޓްރޭލިޔާގެ ކޮންމެ ސަތޭކަހާސް މީހަކަށް ޖެހޭ ވައްކަމުގެ ޢަދަދު ދެހާހަށް އަރައެވެ. މީގެ މާނައަކީ އިންޑިއާއަށްވުރެ އޮސްޓްރޭލިޔާގައި ކުށްގިނަވުން ކަމަށް ބެލުމަކީ ޞައްޙަ ބެލުމަކަށް ނުވާނެއެވެ. މިއީ އާބާދީގެ ތަފާތާއި ކުށުގެ ޢަދަދާ އަޅައި ބެލުމުން ދިމާވާ ގޮތެކެވެ.ހަމަ އެހެންމެ ކުށުގެ ޢަދަދުގެ ގިނަ މަދުމިން، މީހުންނާ ސުވާލުކޮށްގެން އެމީހުން ބުނާ އެއްޗެއްގެ މައްޗަށް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް ކުށުގެ މިންވަރު ދެނެގަތުން ކަމަށް ނުވިނަމަވެސް އެއްވެސް ކަމެއްގައި މަދު މީހުންކޮޅަކާ ސުވާލުކޮށް އެމީހުން ދެކޭގޮތުގެ މައްޗަށް ކަމެއް ލަފާކުރުމަކީ ނުވަތަ ނިންމުމަކީ ކަމުގެ ޙަޤީޤަތާ ވަރަށް ދުރު ކަމަކަށްވެދާނެއެވެ. މިފަދަ ކަންކަން ބައެއް ފަރާތްތަކުން ކޮށްފައި ހުންނަ ގޮތަށް ބަލާއިރު ގިނަ ފަހަރަށް އެކަމެއް ހިނގާފައި ހުންނަނީ އެކަންކުރާ ބަޔަކު ބޭނުންވާ ތަޞައްވުރެއް ދެއްކުމަށެވެ.ޕަބްލިކް ސަރވިސް މީޑިއާގެ އެދުމަކަށް، މޯލްޑިވްސް ޕޮލިސް ސަރވިސުން ޙިއްޞާކުރެއްވި، 2015 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިގެން މިދިޔަ އަހަރަކީ، ވޭތުވެދިޔަ 10 އަހަރުގެ ނިސްބަތުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު އެންމެ މަދު އަހަރެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އޭގެ ކުރީއަހަރަށްވުރެ، ގޭންގު މާރާމާރީގެ މައްސަލަތައް ހުށަހެޅުނު މިންވަރު %27  މަދެވެ. ވައްކަމުގެ މައްސަލަ %22 ދަށްވެފައިވެއެވެ. ފޭރުމުގެ މައްސަލަތަކުގެ އަދަދު ނިސްބަތުން ދަށްވެފައިވާއިރު، ޚާއްޞަކޮށް ހަތިޔާރު ބޭނުންކޮށްގެން ހިންގާފައިވާ ފޭރުމުގެ މައްސަލަތައް %27 އަށް ދަށްވެފައިވެއެވެ.މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، %33 މައްސަލަ ވަނީ ދަޢުވާކުރެއްވުމަށް ފޮނުއްވާފައެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރިއެރުމެކެވެ.ވޭތުވެދިޔަ އަހަރު ދަޢުވާކުރެއްވުމަށް ފޮނުއްވި މައްސަލައިގެ ޢަދަދު އޭގެ ކުރީއަހަރަށްވުރެ %63 އިތުރުވެފައިވެއެވެ. މިހެން ދިމާވެފައިވަނީ 2015 ވަނަ އަހަރު އޭގެ ކުރީގެ މައްސަލަތައްވެސް ދަޢުވާކުރައްވަން ފޮނުއްވާފައިވާތީއެވެ.ބައެއް ދާއިރާތަކުން ހުށަހެޅުނު މައްސަލަ މަދުވިއިރު، ގެވެށި އަނިޔާގެ މައްސލަތައް ހުށަހެޅުނު މިންވަރު ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވާ ގޮތުގައި މިހެން ދިމާވީ ވޭތުވެދިޔަ އަހަރު ހިނގި ބައެއް ހިތާމަވެރި ޙާދިސާތަކާ ގުޅިގެން މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ބާރުއަޅުއްވައި ހިންގެވި ޙަރަކާތްތަކުން ކަމަށް ބެލެވޭކަމަށެވެ.