އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ހާއްސަކޮށްގެން، ގޯލްޑަން ޔިއަރ ސިމް ޕެކެއް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ ސިމް ޕެކެކެވެ.
ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަޢާރަފް ކުރި މި ސިމް ޕެކް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ.
މިސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައިވާއިރު، ސޯޝަލް މީޑިއާއަށް ޚާއްސަ ޑޭޓާވެސް ވަނީ ހިމަނާފައެވެ.
މި ޕެކޭޖް ބޭނުންކުރާ ފަރާތްތަކަށް ދުރުގައި ތިބި އެމީހުންގެ އާއިލާއާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅުމުގެ މަގުފަހިވުމުގެ އިތުރުން ރާއްޖެއަށް ކުރާ މިހިތްގައިމު ދަތުރުތަކުގެ ފޮޓޯވެސް ހިއްސާކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، އެ ކުންފުނީގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުންކަމަށެވެ.
"ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު އަޅުގަނޑުމެންވެސް މިތިބީ މި އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި. މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން ޔިއަރ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން." ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. 2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައެވެ.