ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި
ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި
ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ކޭޓް ހޯމްސްއެވެ.
މިއަދު ހެނދުނު 6.50 ގައި
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އޮމާން އެއަރގެ ފްލައިޓުން
ރާއްޖެ އައި ކޭޓް އަކީ ހުޅުމާލޭގެ ގެސްޓް ހައުސެއްގައި ޗުއްޓީ ހޭދަ ކުރުމަށް
ރާއްޖެއައި ފަތުރުވެރިއެކެވެ.
ކޭޓް ބުނީ މިއަހަރު ރާއްޖެއަށް
ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް އޭނާ ހޮވުމާއި އެކު އޭނާއަށް ރާއްޖެއިން ކިޔާފައިވާ
މަރުހަބާއަކީ އޭނާގެ ހަޔާތުގައިވެސް އަދި ދުވަހަކުވެސް ބަޔަކު އޭނާއަށް
ކިޔާފައިނުވާ ވަރުގެ ކުލަގަދަ މަރުހަބާއެއް ކަމަށެވެ.
ކޭޓް ބުނީ އޭނާ ރާއްޖެ އައީ
ހަފްތާއަކަށް ކަމަށާއި ރާއްޖެ އަންނަން އޮތީ މިއަދު ހަވީރުގެ ފްލައިޓުން ކަމަށް ވިޔަސް
ފަހު ވަގުތު ފްލައިޓް ބަދަލުވެ މިއަދު ހެނދުނު ފްލައިޓުން ރާއްޖެ އަންނަން ޖެހުނީ
ކަމަށެވެ. އަދި އެގޮތަށް ކަން ދިމާވުން އެއީ އޭނާގެ ނަސީބް ކަމަށްވެސް ކޭޓް ބުންޏެވެ.
ކޭޓަށް ވަނީ މި އަހަރު ރާއްޖެއަށް
ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވުމުގެ އިތުރަށް ހަދިޔާގެ ގޮތުގައި
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އައުޓްރިގަރ ކޮނޮންޓާ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ
ފުރުޞަތު ދީފައިއެވެ. އަދި ރަމްޒީ އެކި ހަދިޔާތަކާއި "ވިޒިޓް މޯލްޑިވްސް
އިޔާ"ގެ ސްޓޭމްޕް ވެސް ވަނީ އޭނާގެ ޕާސްޕޯޓުގައި ޖަހާފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ
ގޮތުގައި 2016 ވަނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ އިރު މި އަހަރުތެރޭ
ރާއްޖެއަށް އަންނަ ހުރިހާ ފަރާތެއްގެ އަރައިވަލް ސްޓޭމްޕް އާއި އެކު ވިޒިޓް
މޯލްޑިވްސް އިޔާގެ ސްޓޭމްޕް ޖަހާގޮތަށްވަނީ ހަމަޖެހިފައެވެ.
އަދި މި އަހަރު ތެރޭ ރާއްޖެއަށް
ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮންމެ 5 ލައްކަ ވަނަ ފަތުރުވެރިއެއް ހޮވާ
އެކަން ފާހަގަކުރުމަށްވެސް ވަނީ ރާވާފައެވެ. ރާއްޖެއަށް
ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި 2016 ވަނަ އަހަރު ފާހަގަ ކުރަން ނިންމާފައި ވަނީ
1.5 މިލިއަން ފަތުރުވެރިންގެ އަމާޒަކާއިއެކުއެވެ.