ޚަބަރު

އިންތިޚާބުގައި ވާދަކުރަނީ މަރުހޫމް ޙުސައިން ވަހީދު ދެއްވި އިރުޝާދުގެ ދަށުން: ރާޝިދު


ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ މަރުހޫމް ހުސައިން ވަހީދު ދެއްވާފައިވާ އިރުޝާދާއެކު އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ނިންމެވުމަށް ކަމުގައި އެދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައިި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނާ ޙަވާލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ނުހަނު އުފާ ކުރައްވާކަމެއްކަމަށެވެ.

މިއިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމެވީ ދާއިރާގެ ކުރީގެ މެމްބަރު އަދި މަރުހޫމް ޙުސައިން ވަހީދު ދެއްވާފައިވާ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ފެށްޓެވި މަސައްކަތާއި، ކުރެއްވި ޚިދުމަތް ދަމަހައްޓައި ކޮމަންޑޫ ދާއިރާގައި މަރުހޫމް ހުސައިން ވަހީދު ގެންގުޅުއްވި ސިޔާސަތު އެއަށްވުރެ ވަރުގަދަކަމާއެކު ކުރިއަށް ގެންދިއުމަށް ކަމުގައި ރާޝިދު ވިދާޅުވިއެވެ.

"ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މާތްﷲ އިރާދަ ކުރެއްވިއްޔާ ވަރަށް ސާބިތުކަމާއެކު އެމްޑީޕީގައި އެމްޑީޕީއާއިއެކު ދެމި ހުންނާނަން. އަޅުގަނޑު މިނިކުންނަނީ އަޅުގަނޑުމެންގެ މެމްބަރު މަރުހޫމް ހުސައިން ވަހީދުގެ ފުރިހަމަ އިރުޝަދުގެ ދަށުން" ރާޝިދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ، މާދަމާރޭގެ ކެނޑިޑޭޓުންގެ ގުރުއަތަށް ފަހުއެވެ. މި އިންތިޚާބުގައި އެމްޑީޕީއާއި، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި އިޢުލާނެއްގައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މާދަމާ ހަވީރު 15:00ގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލާފައިކަމުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެދާއިރާ ތަމްސީލުކުރެއްވި ޙުސައިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ރަޝީދެވެ.