ރާއްޖެއަށް މިއަހަރު އައި 1.3 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ. މިއަހަރު ރާއްޖެއަށް އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރޮމޭނިޔާ މީހެކެވެ.
މިއަހަރުގެ 1.3 މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދާއި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުންނެވެ.
މިފަތުވެރިޔާ އައިސްފައިވަނީ ގްލިވް އެއަރއިންނެވެ. އެއީ ރޮމޭނިޔާގެ ރައްޔިތެއްކަމަށްވާ އެމިލް މޮޓްއެވެ. އެމިލް ރާއްޖެއައީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
މީޑިއާއަށް މައުލޫމާތުދެމުން އެމިލް ބުނީ މިއީ އޭނާ ރާއްޖެއައި 2ވަނަ ފަހަރުކަމަށެވެ. އޭނާ ބުނީ ރާއްޖެއަށް އެންމެ ފުރަތަމަ އައީ އޭނާގެ ހަނީމޫންއަށް މީގެ 5 އަހަރު ކުރިންކަމަށެވެ. އޭގެފަހުން އަބަދުވެސް ރާއްޖެ އަންނަން ބޭނުންވާކަމަށާއި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އައުން ލަސްވީކަމަށެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތުކަމުން ދިވެހިންނަށް އެކަމުގެ ތަހުނިޔާވެސް އެމިލް ވަނީ ކިޔާފައެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ ގުޅިފައި އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާކަމަށެވެ. މިއީ އެންމެން އެއްބައިވަންތަވެ ހޯދުނު ކާމިޔާބީއެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައުމަކީ ކާމިޔާބީއެއްކަމަށެވެ. ފަތުރުވެރިކަން ކުރިއަރާފައިވާ އެހެން ޤައުމުތައް ބަންދުކޮށްފައިވާއިރު ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަން ކުރިއަރުވަމުން ދިއުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޠައްޔިބު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ކާމިޔާބު ދެމެހެއްޓޭނީ ކޯވިޑް-19އަށް ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތަކަށް ބޯލަންބައިގެންކަމަށް ޠައްޔިބު ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތަކުގެ އަމާޒެކެވެ.