ކުޅިވަރު

" އެމްވީ 50 އަލްޓްރާ ރަން " ފަށައިފި


މިނިވަން 50އާ ގުޅިގެން ރަނާސް މޯލްޑިވްސްއިން ބާއްވާ "އެމްވީ 50 އަލްޓްރާ ރަން" ރޭ ފަށައިފިއެވެ. އެމްވީ 50 އަލްޓްރާ ރަންއަކީ މިއަހަރުގެ އެންމެފަހު 50 ގަޑިއިރު ހުއްޓާނުލައި ދުވުމުގެ ހަރަކާތެކެވެ. މި ހަރަކާތް ރޭ ރަސްމީކޮށް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ ވަނީ މި ދުވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި ދުވުމާއި ގުޅޭ މައުލޫމާތުދެމުން ރަނާސް މޯލްޑިވްސްގެ ކޯޗް ނަސީރު އިސްމާއިލް ބުނީ މިއަހަރުގެ ފަހު 50 ގަޑިއިރު ހުއްޓާނުލައި ދުވުމުގެ ހަރަކާތުގައި އަބަދުވެސް ކޮންމެވެސް އެއް ބައިވެރިޔަކު ދުވަމުންދާނެކަމަށާއި، ކޮންމެ ބައިވެރިއެއްވެސް ފަންސާސް ގަޑިއިރު ތެރޭގައި ފަންސާސް ކިލޯ މީޓަރަށް ދުވާނެކަމަށެވެ. މި ހަރަކާތުގެ އެންމެ ޚާއްސަކަމެއްގެ ގޮތުން ކުރިއަށްދާ އިވެންޓަކީ ރަނާސް މޯލްޑިވްސްގެ އެތްލީޓު އަހްމަދު އާތިފް ސައުވީސް ގަޑިއިރުވަންދެން ހުއްޓާނުލައި ދުވުންކަމަށް ކޯޗް ނަސީރު ފާހަގަކުރިއެވެ. ނަސީރު ބުނީ މިއީ ބޮޑު ޗެލެންޖެއް ކަމަށާއި އާތިފްއަށް މިކަން ކާމިޔާބުކުރެވިއްޖެނަމަ ދުނިޔޭގެ ގަދަ ދިހަ އެތްލީޓުންގެ ތެރޭގައިވެސް އޭނާ ހިމެނިގެންދާނެކަމަށެވެ."ފަންސާސް ގަޑިއިރުތެރޭ ފަންސާސް ކިލޯމީޓަރ ހަމަކުރަން މި ޖެހެނީ، މި އިވެންޓްގައި އެއް އެތްލީޓެއް 24 ގަޑިއިރު ދުވުމަށްވެސް ވަނީ ހަމަޖެހިފައި. އުއްމީދުކުރަން އޭނާއަށް އެކަން ކާމިޔާބުވާނެކަމަށް." ނަސީރު ބުންޏެވެ. މިނިވަން 50 އާ ގުޅިގެން ރަނާސް މޯލްޑިވްސްއިން ކުރިއަށްގެންދާ " އެމްވީ 50 އަލްޓްރާ ރަން " ގައި 200 އެއްހާ އެތްލީޓުން ވަނީ ބައިވެރިވެފައެވެ.