ރ. ވަންދޫގައި ތަރައްޤީކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ގާތްގަނޑަކަށް ދިހަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރެވިގެންދާ ފުރަތަމަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެވެ.ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް އަތޮޅުތަކުގައި ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ އެހީދޭ ޖަމިއްޔާތަކުން ފަންޑު ހޯދައިގެން ކުނި ނައްތާލެވޭނެ ނިޒާމް އަތޮޅުތަކުގައި ޤާއިމުކޮށްދިނުމުގެ މަޝްރޫޢުތައް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަދެއެވެ. މީގެ ތެރެއިންވެސް މިހާރު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާ އެއް މަޝްރޫޢަކީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ތަރައްޤީކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޢާމިރު ވިދާޅުވީ، ވަންދޫގައި ކުނި ނައްތާލާ ނިޒާމް ޤާއިމުކުރުމަށްޓަކައި ބަހައްޓަންޖެހޭ އިންސިނިރޭޓަރުގެ ބަހައްޓައި، ޓެސްޓް ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީމަހުތެރޭ ކުރައްވާނޭކަމަށެވެ. އަދި އެ ސަރަހައްދުގައި ހިމެނޭ ރަށްތަކުން ވަންދޫއަށް ކުނި ޖަމާކުރުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާކަމަށެވެ.ޢަލީ ޢާމިރު ވިދާޅުވީ، ރ. ވަންދޫ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންތައް ފެއްޓުމާއެކު، އެ ސަރަހައްދުގައި ހިމެނޭ ރަށްތަކުން ކުނިއުކާލުމުގައި ރަށުގެ އާބާދީއަށާއި، ކުނި އުފައްދާ މިންވަރަށް ބަލާ، ވަކި ޚާއްސަ ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން 100 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގެ ފީއެއް ނެގިގެންދާނެކަމަށް ޢާމިރު ވިދާޅުވިއެވެ.ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓް – މެމްޕްގެ ދަށުން ރ. ވަންދޫގައި ޤާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސްތައް ފެއްޓުމާއެކު، އެ ސަރަހައްދުގައި ހިމެނޭ 44 ރަށުގައި ކުނި ނައްތާލުމުށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.