ކުޅިވަރު

ސެމީގައި 1.5 ބިލިއަން މީހުނާއި ދެކޮޅަށް ކުޅެން އުނދަގޫވާނެ - ކޯޗު


1.5 ބިލިއަން މީހުންނާ ދެކޮޅަށް ސެމީފައިނަލްގައި ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށް ޤައުމީ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ކޯޗް ހާބަޓް މިހެން ބުނީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި އަފްޣާނިސްތާން އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޯޗް ހާބަޓް ބުނީ ބަލިވުމަކީ މާބޮޑު މައްސަލައެއް ނޫންކަމަށާއި ދެން ވިސްނަންވީ ސެމީ ފައިނަލް މެޗަށްކަމަށެވެ. ކޮންމެ ގޮތެއްވިޔަސް ފައިނަލަށް ދެވޭނީ ސެމީގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުކަމުގައި ވީނަމަވެސް އެޓީމެއް ބަލިކުރުމަށްފަހުކަމަށެވެ. އަފްޣާނިސްތާނާ ދެކޮޅަށް ނިކުތީ ސެމީފައިނަލަށް ވިސްނުމަށްފަހު ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ނިކުންނަ ކުޅުންތެރިންނަށް ރެސްޓް ދީގެންކަމަށް ކޯޗު ބުންޏެވެ." ސެމީފައިނަލްގައި މުބާރާތް ބާއްވާ ޤައުމާ ދެކޮޅަށް ނިކުންނަ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. 1.5 ބިލިއަން މީހުން މިހާރު އުއްމީދު ކުރަމުންދާނީ ސެމީފައިނަލް މެޗް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް. އެމެޗާ ކުރިމަތިލުމަށް ދިވެހި ޓީމް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. " އަފްޣާނިސްތާނުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ދިވެހި ޓީމްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ކޯޗް ރިކީ ހާބަޓް ބުންޏެވެ.އަފްޣާނިސްތާނުގެ ކޯޗް ބުނީ މިމެޗްވެސް ނިމިގެން މިދިޔައީ ތާރީޚްގެ ތެރެއަށް ޚާއްސަކަމެއް ދޫކުރުމަށްފަހުކަމަށެވެ. މީ މިހާތަނަށް އަފްޣާނިސްތާނުގެ ތާރީޚްގައި ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ މެޗް ކަމަށެވެ. އެކަމަށްޓަކައި އަފްޣާންގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔާ ކަމަށެވެ." މިއަދަކީ ތާރީޚީ ދުވަހެއް. ދިވެހިރާއްޖޭގެ މައްޗަށް އަފްޣާން ކުރިހޯދި މީ ފުރަތަމަ ފަހަރު. މި އުފާވެރިކަމަކީ ކޯޗަށާއި މުޅީ ޓީމަށާއި ޚާއްސަކޮށް އަފްޣާނިސްތާނުގެ މުޅީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރިކަމެއް. މިއުފަލުގައި މުޅި އަފްޣާނިސްތާނު ބައިވެރިވާނެ. ސެމީފައިނަލަށް ނިކުންނާނީ އިޙްތިރާމާއެކީ ސްރީލަންކާއާ ދެކޮޅަށް ވަރުގަދަ މެޗެއް ކުޅުމަށް. އުއްމީދަކީ ފައިނަލުން ޖާގަ ކަށަވަރުކުރުން. " އަފްޣާނިސްތާންގެ ކޯޗް ޕީޓަރ ބުންޏެވެ.ދިވެހިރާއްޖެއާއި އަފްޣާނިސްތާނު ބައްދަލުކުރި މެޗް އަފްޣާނިސްތާނު ކާމިޔާބުކުރީ 4-1 ނެވެ.