ކޯވިޑު-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންއިން ދިން ހިލޭ އެޙިއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވަނީ ކޯވިޑްގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކށް "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"ގެ ދަށުން ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އީޔޫއިން ވަނީ 2 މިލިއަން ޔޫރޯ ނުވަތަ 34،840،000 ރުފިޔާ ހަދިޔާކޮށްފައެވެ. މީގެ ތެރެއިން 1.4 މިލިއަން ޔޫރޯ ނުވަތަ 24،388،000 ރުފިޔާގެ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ފަންޑް މެނޭޖްމަންޓްންޓް ކޯޕަރޭޝަންގެ ފަރާތުން މިއަދު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ހީނަރުކަމުން އަރައިގަނެ، ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ޤާއިމުކުރުމަށް އެހީވުމެވެ. އެގޮތުން މި ހިލޭ އެހީ ޚާއްސަ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.
ޝަރުތުހަމަވާ ވިޔަފާރިތަކުން އޮޕަރޭޓްކުރާ އެނދަކަށް 2453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސަޕޯޓް" އޮންލައިން ޕޯޓަލް /https://cusupport_mfmc.mv މެދުވެރިކޮށެވެ.
އެހީއަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނަރޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުންދިޔުން ހިމެނެއެވެ.
ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ޞައްޙަ ލައިސެންސެއް ޑިސެންބަރު 2019، ޖެނުއަރީ 2020، ނުވަތަ ފެބުރުއަރީ 2020 ގައި ލިބިފައިވާ ފަރާތެއް ކަމުގައިވާންޖެހޭނެއެވެ. މީގެއިތުރުން ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރު ނުވުމަކީވެސް ލޯނު ދޫކުރުމުގައި ބަލާނެ ކަމެކެވެ.
ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުންވެސް ވަނީ ބޮޑު ޢަދަދެއް ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.