ޚަބަރު

ށ ފީވަކުގައި ފެން ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް ފަށައިފި


ށ ފީވަކުގައި ސަރުކާރުން ޤާއިމް ކުރާ ފެނުގެ ނިޒާމްގެ ދަށުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފެން ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފައްޓަވައި ދެއްވީ ފީވަށް ތަމްސީލްކުރާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް އާއި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް އާއި ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން އެވެ.

ފީވަކުގައި ފެން ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަސާސީ އެއް ޚިދުމަތްކަމަށެވެ. ފީވަކުގެ ފެން 2009 ވަނަ އަހަރު ތަޙްލީލް ކުރިއިރު އެރަށު ބިމުންނަގާ ފެނުގައި 80 އިންސައްތަ ޖަރާސީމް ހުރިކަމަށް ހާމަވެގެންދިޔަކަން އަލީ ރިޒާ ފާހަގަކުރެއްވިއެވެ.

"ފެން ތަހުލީލް ކުރިފަހުން މިހާރު 13 އަހަރު މިއަދު މިމަސައްކަތް ފެނުގެ މަޝްރޫއު ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މިފަދަ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް މިކަމަށް ބަހައްޓަވާ ޚާއްސަ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރަން" މިލަންދޫ ދާއިރާގެ މެންބަރު އަޙްމަދު ރިޒާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙްވަނީ ކޯވިޑާއި ގުޅިގެން މިމަސައްކަތް ފެށުމުގައި ލަސްތަކެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން މި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދިކޯވިޑާއި ގުޅިގެން ޚަރަދު ކުޑަކުރުމަށް ސިޔާސަތު އެކުލަވާލިއިރުވެސް ފެނާއި ނަރުދަމާގެ މަޝްރޫޢުތައް މެދު ނުކެނޑި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްޙޫރިއްޔާ ދެއްވި ލަފަޔަށް ޝާހްވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ޤާއިމް ކުރާ އާރް.އޯ ފެސިލިޓީ ބިލްޑިންގެ 32 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. މީގެ އިތުރުން އެރަށުގައި 9.18 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކޮށް އެރަށުގެ 200 ގޭބިސީއަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2.40 ޓަނުގެ ފެން ދުވާލަކު އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓައި، އެއިން އުފައްދާ ފެން ރައްކާކުރުމަށް 330 ކިއުބިކް މީޓަރުގެ ދެ ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރޭފެން ރައްކާކުރުމަށް 1340 ކިއުބިކް މީޓަރުގެ ތާންގީއެއް ބަހައްޓާނެއެވެ. މީގެއިތުރުން ބޯހޯލް ތޮރުފުމާއި ބްރެއިން އައުޓްފޯލް އެޅުންވެސް މި މަސައްކަތް ތެރޭގައި ހިމެނެއެވެ.

450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 49.6 މިލިއަން ރުފިޔާ އަށެވެ.