ޚަބަރު

ވައިޑީޕީ ޕްރޮގްރާމް ތޮއްޑޫގައި ރަސްމީކޮށް ލޯންޗްކޮށްފި


ވައި.ޑީ.ޕީ ޕްރޮގްރާމް ތޮއްޑޫގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމްއާއި ގައުމީ އަންހެން ހޭންޑް ބޯލް ޓީމުގެ މެނޭޖަރ ފާތުމަތު މަޖްދާ ހަސަންއެވެ.

ތޮއްޑޫ ވައިޑީޕީ ޕްރޮގްރާމް އިފްތިތާހުކުރުން ލަސްވެގެންދިޔައީ ކޯވިޑް19 ގެ ހާލަތާއި ގުޅިގެންނެވެ. ކޯވިޑާއި ގުޅިގެން ދިގު މުއްދަތަކަށް ވައި.ޑީ.ޕީ ފުޓްބޯޅަ ޕްރޮގްރާމް މެދު ކެނޑުނު ނަމަވެސް އާ ރޫޙަކާއެކު މިއަހަރު އޮކްޓޯބަރުގައި ޖޫނިއަރ ގްރޫޕްގެ 67 ކުދިންނާއި ސީނިއަރ ގްރޫޕްގައި 37 ކުދިންނާއެކު ޖުމްލަ 104 ކުދިން ބައިވެރި ކޮށްގެން ވައި.ޑީ.ޕީ ޕްރޮގްރާމްގެ ދެވަނަ ކުޅިވަރެއްގެ ގޮތުގައި އަންހެންކުދިންނަށް ހޭންޑް ބޯޅަ ވަނީ ފަށާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފުޓުބޯޅަ ކޯޗު މުހައްމަދު ނިޒާމް ވަނީ މިފަދަ ޕްރޮގްރާމެއް ތޮއްޑޫގައި ފެއްޓެވީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުޅިވަރަކީ އެތައް ގޮތަކުން ކުއްޖާއަށް ފައިދާ ކުރާކަމެއްކަން ފާހަގަކޮށްއި ނިޒާމް ބުނީ މިއީ ކުއްޖާއަށް އަޚުލާގީ ގޮތުންވެސް ގިނަ ކަންކަން ދަސްވާކަމެއްކަމަށެވެ. އަދި މާޒީގައި ތޮއްޑޫގައި އުފެދިފައިވާ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންނަށް ނިސްބަތްކޮށް އެފަދަ ކުޅުންތެރިން މިހާރުގެ ޖީލުންވެސް އުފައްދަން ޖެހޭކަމަށް ނިޒާމްވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައުމީ އަންހެން ހޭންޑް ބޯލް ޓީމުގެ މެނޭޖަރ ފާތުމަތު މަޖްދާ ހަސަން ވަނީ ފުޓުބޯޅައިގައި ތޮއްޑޫގައި ތިބިފަދަ ހުނަރުވެރި ކުދިން ހޭންޑްބޯލްގައިވެސް އުފެއްދުމަށް މަސައްކަތްކޮށްދިނުމަށް އެދިފައެވެ. އަދި ހޭންޑް ބޯލް ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް ބެލެނިވެރިންވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ތޮއްޑޫ ސްކޫލުން ބުނީ މި ޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ 2017 ވަނަ އަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި އެ ސްކޫލް ޓީމް ބައިވެރި ކޮށްގެން ލިބުނު ތަޖުރިބާގެ އެހީގައި އެސްކޫލްގެ ކުދިންނަށް ކުރިއެރުންތަކެއް ހޯދާދެވިދާނެކަމަށް ގަބޫލުކުރާތީކަމަށެވެ. މިއީ ތޮއްޑޫގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުޚުތާރު ނަޞީރުގެ އިސްނެގުމުގެ މަތިން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްތަކަށް ސްކޫލް ޓީމުތައް ތައްޔާރު ކުރުމާއި، މާޒީގައި އުފެދުނު ކުޅުންތެރިންނަށްވުރެ ހުނަރާއި، ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިންތަކެއް އުފައްދައި ގަލޮޅު ދަނޑަށް ނެރުމަކީ ތޮއްޑޫ ސްކޫލްގެ އަމާޒެކެވެ. ތޮއްޑޫގައި އަލަށް ފެށުނު ވައި.ޑީ.ޕީ ހޭންޑްބޯޅަ ޕްރޮގްރާމްގެ ސަބަބުން އަޚުލާޤީގޮތުން ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް އުފެއްދުމަކީވެސް ބޭނުމެއްކަމަށް އެ ސްކޫލުން ބުނެއެވެ.

މިރަސްމިއްޔާތުގައި ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޝިއާންއާއި، މި ދާއިރާގެ އަތޮޅު ކައުންސިލްގެ ރައީސް އަރްސަލާންއާއި ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވަނީ ބައިވެރިވެފައެވެ.