އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗަށް ފަހު އެ ޓީމުގެ ވަގުތީ ކޯޗުގެ މަގާމު އަދާކުރި މައިކަލް ކެރިކް ޓީމު ދޫކޮށްލައިފިއެވެ.
ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ފުރަތަމަ ކުޅުނު މެޗުގައި ވަނީ ޗެމްޕިއަންސް ލީގުގައި 2-0 އިން ވިޔަރެއާލް ބަލިކޮށްފައެވެ. ދެ ވަނަ މެޗުން މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ 1-1 އިން އެއްވަރުކުރިއިރު، ތިން ވަނަ މެޗުން ރޭ މި ވަނީ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށްފައެވެ. ޔުނައިޓެޑްގެ ކޯޗުކަމުގައި އޮލެ ގަނަ ސޯލްޝެއާ ހުރިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކެރިކް ވަގުތީ ގޮތުން ހެޑް ކޯޗެއްގެ ޒިންމާ ނަގަން ފެށީ ސޯލްޝެއާ މަގާމުން ވަކިކުރުމުންނެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ދެން ހަވާލުވާ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކްގެ ވޯކްވިސާ ހަމަޖެހިފައިވާއިރު، އޭނާ ޓީމާ ރަސްމީކޮށް ހަވާލުވެ ނުކުންނާނެ ފުރަތަމަ މެޗަކީ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ރޭގައި ހޯދި މޮޅާއެކު އެންމެ ފަހުން އާސެނަލާ ދެކޮޅަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ މެޗެވެ. މެޗަށް ފަހު ނައިޓެޑުން ވަނީ ކެރިކް ކްލަބް ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.