ޚަބަރު

"ވެރިކަމަކީ ވަކި އާއިލާއެއްގެ އެއްޗެއް ނޫން؛ އެސަގާފަތް ބަދަލުވެއްޖެ"


  • ރައީސް މުޢިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ވަރުގަދައަށް ފެށުމަށް އިލްތިމާސްކުރެއްވި

  • ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދާނެކަމަށްވެސް ވިދާޅުވި

ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުންނާއި ގާތުންކަމަށާއި، މިއަދު މިއޮތީ އެފަދަ ސަރުކާރެއްކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ކާމިޔާބު ކޮންގްރެސްއެއް ނިންމާލީ އާ ފެށުމަކާއެކު ކަމަށާއި، އެ ފެށުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފެށުން ކަމަށެވެ. ޢަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައީސް މުޢިއްޒު ދައްކަވާ ނަމޫނާއާ އެއްގޮތަށް ރައްޔިތުންނާ ހަމައަށް ތިރިވެގެން ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ބޮޑާކަމާއި ކިބުރުވެރިކަމުން އެއްވެސް ކަމެއް ހާސިލުނުވާނެ ކަމަށާއި، ކާމިޔާބީ ގުޅިފައިވަނީ އުފަންވި އާއިލާއަކަށް ނޫން ކަމަށާއި، އެކަން ގުޅިފައި އޮންނަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތިން މަސްތެރޭ ގައުމު ބަނގުރޫޓުވާނެ ކަމަށް ވާދަވެރިން ބުނަމުންދިޔަ ނަމަވެސް، ރައީސް މުޢިއްޒުގެ ހިކުމަތްތެރިކަމާއެކު ދަރަނިތައް ދައްކަވައި ގައުމު ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

" މި މަސައްކަތަކީ ހަމައެކަނި ކޮންގްރެސްއަށް މީހުންގެ އެކަނި މަސައްކަތަކަށް ހަދައިގެން ނުވާނެކަމަށް. މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެކަމަށް. ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ފުރޮޅިގެންދާ ގޮތަށް ބަލާއިރު ޕާޓީގެގެ ކުރިމަގު ވަރަށް ސާފު" ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ވާދަވެރިންގެ ފާޑުކިޔުންތަކަށާއި ޖެއްސުންތަކަށް ބިރުގަނެގެން ތިބެވެން ނެތްކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވަނީ ރަށަށް އެނބުރި ދިއުމަށްފަހު ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ގުޅިގެން ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ވަރުގަދައަށް ފެށުމަށް އިލްތިމާސްކުރައްވާފައެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ޕީއެންސީއަށް ނިސްބަތް ނުވާ އެހެން ޕާޓީގެ އެތައް މުވައްޒަފުންނެއް ސަރުކާރުގައި ތިބިކަމަށެވެ. ނަމަވެސް އެއިން އެއްވެސް މުވައްޒަފަކަށް ސަރުކާރުން ދެރަގޮތެއް ނުހަދާކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށެވެ. މިއަދާ ހަމައަށް އެމަނިކުފާނުގެ ޒަޢާމަތުގައި 3 އަހަރާ ހަމައަށް ދާއިރު 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެނި ކަންތައްތައް ފުއްދުމުގައި ސާބިތުވެ ހުންނެވިކަން ފަލާހް ފާހަގަކުރެއްވިއެވެ.

"އަބަދުވެސް އަޅުގަނޑުމެން އެންމެނަށް ދެއްވާ ނަސޭޙަތަކީ ޤައުމަށް ގެއްލުމެއްލިބޭނެ އެއްވެސް ކަމެއްގެ ތެރޭގައި އަޅުގަނޑުމެން އެކަކުވެސް ބައިވެރިވެގެން ނުވާނޭ. އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ހިނގާފާނެ އެއްވެސް ކަމެއް ކުރަން އެމަނިކުފާނު އަރިހަށް އައިސްގެން ނުވާނޭ. އަޅުގަނޑުމެންގެ އިއްޒެއްތެރި ރައީސުލުންޖުމްހޫރިއްޔާއަކީ ހަމައެކަނި ވިދާޅުވާ ބަހަކުން ކަންކަން ކުރައްވާ ބޭފުޅެއް ނޫނޭ. އެމަނިކުފާނުގެ އަމަލުފުޅުތައްވެސް ހުރީ 2028 ވަނަ އަހަރު ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވާ ބީދައިން." ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޭފުޅުންނަށް އިޝާރާތް ކުރައްވައި ފަލާހް ވިދާޅުވީ އެ ޕާޓީގެ އެއްވެސް މެންބަރަކީ ބާކީވެގެންދާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވާ ކަމަށެވެ. މީގެއިތުރުން ޕީއެންސީގެ ކޮންގްރެސްއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފުރިހަމަ އަދި އެންމެ ތަރުތީބުވެގެންދިޔަ ކޮންގްރެސް ކަމަށާއި މިކަމަށް އިދިކޮޅު ފަރާތްތަކަށްވެސް ދެބަސްވެވެން ނެތް ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.