ވިޔަފާރި

މޯލްޑިވްސް ސްޓޭޓް ޝިޕިންއަށް އިތުރު ބޯޓެއް ޖަނަވަރީ މަހު ގެންނަނީ


ޤައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންއަށް އިތުރު ބޯޓެއް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ގެންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ. އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު މިމަހުގެ 23 ވަނަ ދުވަހު ރާއްޖެ ގެނެސް ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވީ، އިތުރު ބޯޓެއް މޯލްޑިސް ސްޓޭޓް ޝިޕިންގެ މަސައްކަތައް ޖަނަވަރީ މަހުގެ ތެރޭގައި ގެންނާނެކަމަށެވެ. މިހާރު އޮތް ބޯޓަކީ ކޮންޓެއިނަރ ބޯޓެއް ކަމަށާއި ނަމަވެސް ޖަނަވަރީ މަހުގެ ތެރޭގައި ގެންނަނީ ބަލްކް ކެރިއަރއެކެވެ. އެހެންކަމުން މިހާރު އޮތް ބޯޓަށްވުރެ މި ބޯޓު ބޮޑުވާނެ ކަމަށް އަމްރުވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އަލަށް ގެންނަ ބޯޓަކީ އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި ގެނައުމަށް ޚާއްސަ ބޯޓެއްކަމަށެވެ. މި ބޯޓުގެ މަސައްކަތްތައް ފެށުމުން ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިގެންނަ ބޯޓަކީ ބަލްކް ކެރިއަރއެއް. 45000 ޓަނުގެ ބޯޓެއް. އާންމު އެހެން ވިޔަފާރިތަކަށްވެސް އެ ބޯޓުގައި ސާމާނު ގެނެވޭނެ. އެކަން އެގޮތައް ކުރެވުނީމަ ކޮންސްޓްރަކްޝަން މެޓީރިއަލް އަގުބޮޑުނުވެ ލިބެން ހުންނާނެ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ފްރައިޓް ބޮޑުވެގެންދާއިރު ރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންވާ އަސާސީ ތަކެތި (ދަގަނޑު، ހިލަ، ހިލަވެލި) އަގުބޮޑުނުވެ ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން. އެގޮތުގެ މަތިން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް އެއީ." އަމްރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.