އިދިކޮޅުން އިންޑިއާއި ގުޅުވައިގެން ދޮގުމައުލޫމާތު ފަތުރައިގެން އުފައްދަމުންދަނީ ފިތުނައެއްކަމަށާއި އޭއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
މި ރިޕޯޓު މިއަދު ބޭއްވި ޖަލްސާގައި 241 ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް މިޖަލްސާގައިވަނީ އެ ރިޕޯޓް ފާސްކޮށްފައެވެ.
މި ރިޕޯޓަށް ބަހުސްކުރެއްވި އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ މެންބަރުން، އެއްބަސްވުންތައް ނުފެންނަކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން، ބަހުސްގައި އެންމެ ފަހުން ވާހަކަފުޅުދައްކަވަމުން، ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެދިވަޑައިގެންނެވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމުގެ ބޭނުމުގައި އިތުރު ތިލަފަޅުގެ އެއްބަސްވުން ބެއްލެވުމަށްކަމަށާއި، ނަމަވެސް ދިވެހި ދަޢުލަތުން އުތުރު ތިލަފަޅު ތަރައްޤީ ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާކަމަށެވެ.
ޑޯނިއާ އާއި ގުޅިގެން އޮތީ އެމްއޯޔޫއަކާއި ލެޓަރއޮފް އެކްސްޗޭންޖެއްކަމަށާއި، އެއްބަސްވުމެއް އޮތްނަމަ އޮތީ 2016ވަނަ އައަހަރު އެކުލަވާނެވުނު ޑިފެންސް ކޯޕަރޭޝަންގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަލާމާތީ ޚިދުމަތްތަކާއި ބޭހޭކޮމިޓީން އާދަމް ޝަރީފްގެ ހުށައެޅުމަށް ބަލައި ފަހުމުވިގޮތަށް އެއާގުޅުންހުރި އެއްބަސްވުންތައް އެ ކޮމިޓީއަށް ގެނެސް ބަލަން ފުރުސަތުދީފައިވަނީ ހުށައެޅުނު ކަމުގެ ބާވަތުން އެއީ ކޮމިޓީން ކުރަންޖެހޭ ކަމަކަށްވާތީކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދަޢުލަތައް ގިނަ ޚިދުމަތްތަކެއް ކުރައްވައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މެންބަރު ޢާދަމް ޝަރީފްފަދަ ބޭފުޅަކު ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާތީ ކަންބޮޑުވާކަމަށާއި، އެއްބަސްވުންތަކެއްގައި ނުރައްކާކަންތައްތަކެއް ހިމެނޭކަމަށްބުނެ އަވައްޓެރި އިންޑިއާ އާއި ގުޅުވައިގެން އިދިކޮޅު ފަރާތަކުން ހިންގަމުންދާ އަމަލުތަކާމެދު ކަންބޮޑުވާކަމަށެވެ.
"ސިޔާސީ ކަންކަން ކުރަންވާނެ، ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކަތައް ދައްކަންވެސްވާނެ. ނަމަވެސް ދޭދޭ ޤައުމުތަކުގެ މެދުގައި، ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުގައި މިއޮތް ގާތް ގުޅުމަށް ބުރޫއާރާގޮތަށް ދޮގު މަޢުލޫމާތު ފަތުރައިގެން މިއުފައްދާ ބޮޑު ފިތުނައަކީ ގޯހުން ގޯހަށް ހިނގައިދާނެކަމެއް. މި ފިތުނައަކީ ދިވެހިރާއްޖޭގެ ސަލާމަތައްއޮތް ނުރައްކަލެއްކަމަށް ދަންނަވަން" އަސްލަމް ވިދާޅުވިއެވެ.
މި ބަހުސްގައި އިދިކޮޅު މެންބަރުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ 241 ކޮމިޓީން މައްސަލަ ދިރާސާކުރި އިރު އެބަސްވުމުގައި ހިމެނޭ ވަކިވަކި ބައިތަކެއް މަޖިލީހަށް ގެނެސް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދެއްކާފައިވާކަމަށްބުނެ ހުރި ކަންބޮޑުވުންތަކެވެ. އަދި އެއްބަސްވުންތައް އަތަށްދީފައިނުވާކަމަށް އެމެންބަރުން ބުނަމުން ދިޔައެވެ.
މި ރިޕޯޓާއި ގުޅިގެން ވާހަކަދެއްކެވި ސަރުކާރަށް ތާޢީދުކުރާ މެންބަރުންވަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެފަދަ އެއްވެސްކަމެއް ނުކުރާނެކަން 241 ކޮމިޓީގެ ރިޕޯޓުން ހާމަވާކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިކަމުގައި ފަތުރަނީ ސައްޙާނޫން ވާހަކަތަކެއްކަން އެނގޭކަން ފާހަގަކޮށް އެމްބަރުންވަނީ އިންއާ ގުޅުވައިގެން މަގުތަކަށް ނިކުމެ ކުރާކަންކަމަށް ރައްދުދެއްވާފައެވެ.
ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ހާމަވެއްޖެކަމަށާއި، އޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަަށް އެ އެއްބަސްވުންތައް ދިރާސާކުރެއްވި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންވަނީ ބުނެފައެވެ.