ކިޔަވައިދިނުމަށް ހާއްސަ ޝައުޤުވެރިކަމެއް ނެތްނަމަ މުދައްރިސެއްގެ ދައުރު އަދައެއް ނުކުރެވޭނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
"ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2019" ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މިއަދުގެ ދުނިޔޭގައި ކިޔަވައިދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި ކޮންމެ މުދައްރިސަކުވެސް ހިތުގެ އަޑިން ކިޔަވައި ދިނުމަށް ޙާއްސަ ޝައުގުވެރިކަމެއް ނެތްނަމަ ކިޔަވައި ދިނުގެ މި ފަންނުގައި ދެމިހުރުމަކީ އުނދަގޫކަމަކަށްވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މުދައްރިސުން އެކުރާ ބުރަ އަގު ހުރި މަސައްކަތްތަކަކީ ހައްޤު އަގު އަދާނުކުރެވޭވަރުގެ މަސައްކަތެއްކަމަށާއި މުޖްތަމައުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ މުދައްރިސުންކަމަށެވެ. އަދި ކޮންމެ މުދަރިސަކުވެސް ކިޔަވައިދޭ މާއްދާއިން ދުނިޔެއިން ހޯދާ ކުރިއެރުންތައް ދެނެގަނެ އެކަންކަމަށް ސަމާލުކަން ނުދީ ދަރިވަރުން ކިޔެވުމަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ނުދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކިޔަވައި ދިނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ޒަމާނެއް މި ޒަމާނަކީ ކުރިން ހަމަ އެކަނި ޓެކްޓްސް ފޮތްތަކުގައި ހުންނަ އެއްޗެއް ބަލައިގެން ކިޔަވައި ދިނަސް މިހާރު އެކަން ވަރަށް ބޮޑަށްއެބަ ބަދަލުވާންޖެހޭ މީ ޓެކްނޮލޮޖީ ޒަމާނަކަށްވެފައި އެމައުލޫމާތު ދަރިވަރުންނަށް ފޯރުކޮށް ދީގެން ނޫންގޮތަކަށް ދަރިވަރުން ކިޔެވުމަށް ބޭނުންވާ މައުލޫމާތެއް ނުދެވޭނެ އެއީ މިހާރު މުދައްރިސަކަށް ވާންޖެހޭނަމަ ކުރަންކޮންމެހެން ޖެހޭކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
40 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ދިން މި ޖަލްސާގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން 2019 ވަނަ ގްރޭޑް 9 އިން މަތީގެ ކްލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ދަރިވަރުންނަށާއި އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް އަދި ރައީސުލްޖުމްހޫރިއްޔާ ދޭ ޝަރަފްވެރި އެވޯޑާއި ފައިސާގެ އިނާމްތައް ވަނީ ދީފައެވެ.