ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ އިތުރު އަޑުއެހުމެއް މިހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން އެކޯޓުގައި ތާވަލުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ މަހުގެ 5ވަނަ ދުވަހުގައެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، މި މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭކަމެއް ނެތްނަމަ ދެން ބާއްވާނީ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްކަމަށެވެ. އަދި އޭރުވެސް ފަނޑިޔާރުންގެ ބެންޗުންވަނީ މި މައްސަލަ ނިންމުމުގެ ކުރިން އިތުރު ދިރާސާތަކެއް ކުރަންޖެހޭކަން ހާމަކޮށްފައެވެ.
އެހެންކަމުން ބުރާސްފަތި ދުވަހު ބާއްވާ ޝަރީޢަތުގެ އަޑުއެހުމުގައި އޮންނާނީ ފަނޑިޔާރުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އޮޅުންފިލުވުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ސްޕްރީމް ކޯޓުންވަނީ މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.
ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.