ޚަބަރު

ދަޢުވާ ކުރުމުގައި ބަލަނީ މީހާގެ ނަމާއި މަޤާމަކަށް ނޫން، ލިބޭ ހެކިތަކަށް: ޕީޖީ


ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވަމަކީ ކުރަން ބޭނުންވި ކަމެއް ނޫންކަމަށާ، ނަމަވެސް ޤާނޫނީ ހަމަހަމަކަން ޤާއިމް ކުރުމަކީ ކުރައްވާނެ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. މިމައްސަލަގައި ނޫސްވެރިކައަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ އެއޮފީހުން ވަރަށްސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމެއްކަމަށެވެ.

މިމައްސަލާގައި މިހާރު ދަޢުވާ އުފުލާފައިވަނީ ކުޑަކުދިން ބިޑިއެޅުވި މައްސަލާގައި ކަމަށާ، އަދި މިކަމުގައި ހިނގައިދިޔަ ގިނަ ކަންތައްތަކެއް މިހާރުވެސް ބަލަމުންދަކަމަށް ޕީޖީ ވިދާޅުވިއެވެ. މިމައްސަލާގައިވެސް އަދި އެހެން މައްސަލައެއްގައިވެސް ފުލުހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަމަކީ ކުރަންބޭނުން ކަމެއްނޫންކަމަށް ޕީޖީ ވިދާޅުވިއެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން، ދައުލަތުގެ ތަންފީޒީ އިދާރާތަކަށްވެސް އަދި މުޅިދައުލަތަށްވެސް އެގެންވީ ކަމަކީ ޤާނޫނަކީ ހަމަހަމަކަމާއެކު އެންމެންގެމައްޗަށް ހިނގާ އެއްޗެއްކަން ކަމަށާ، ޕީޖީ އޮފީހުން ދައުވާ ކުރުމުގައި ބަލަނީ މީހާގެ ނަމާއި އެމީހާ ހުރި މަޤާމަކަށް ނޫންކަމަށާ، އެއޮފީހުން ބަލަނީ ލިބޭ ހެކިތަކުގެ މައްޗަށް ކަމުގައި ޕީޖީ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން ކ.ތުލުސްދޫގައި ހިންގި ކޭމްޕުގައި ކުޑަކުދިންގެ ހައްޤަކާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެކުރިން ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ، ދަޢުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ، ކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، އެކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށެވެ.