ޚަބަރު

ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރެއްވުމަށް މަތިންދާބޯޓް ގެންނަވަނީ


ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރެއްވުމުގެ ގޮތުން، އަސްކަރީ މަތިންދާ ބޯޓްތަކެއް ގެންނެވުމަށް ނިންމަވައިފިކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީ.އެސް.އެމަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.ރާއްޖޭގެ އަސްކަރީ އުދުހުމުގެ ދާއިރާ ތަރައްޤީ ކުރެއްވުމުގެ ގޮތުން ކައްދޫ އެއަރޕޯޓް މިހާރު ވަނީ އަސްކަރީ އެއަރޕޯޓަކަށް ބަދަލުކުރައްވާ އެމް.އެން.ޑީ.އެފާ ޙަވާލުކުރައްވާފައެވެ. އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ލ.ކައްދޫ އެއަރޕޯޓް ހަމަޖައްސެވި ނަމަވެސް، މި އެއަރޕޯޓަކީ ޢާންމު ދަތުރުފަތުރުގައި ވެސް ބޭނުންކުރަމުންދާ އެއަރޕޯޓެކެވެ.  ޕީ.އެސް.އެމާއި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކައްދޫ އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ ޕްލޭންގެ ދަށުން، އެމް.އެން.ޑީ.އެފްގެ ފްލީޓަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މަތިންދާ ބޯޓް ގެންނަވާނެ ކަމަށާއި، އެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. " ކައްދޫ އެއަރޕޯޓް ބޮޑު ކުރުމުގެ މަސައްކަތްތަކެއް މިދަނީ ކުރަމުން. ދިވެހި އަސްކަރީ އުދުހުމުގެ ދާއިރާއަށް ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކަށް ވެގެންދާނީ މަތިންދާ ބޯޓް ގެނައުން. ކުރިއަށް އޮތް ދެ އަހަރު ތެރޭ އެމް.އެން.ޑީ.އެފްގެ ފްލީޓަށް މަތިންދާ ބޯޓް ގެނެވޭނެ." މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. ލ. ކައްދޫގައި ހެލިކަޕްޓަރު ހެނގަރެއް ހެދުމަށާއި ކައްދޫ އެއަރޕޯޓް ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވަނީ މިދިޔަ އާދިއްތަ ދުވަހު، ތިން މިލިޔަނަށްވުރެ ގިނަރުފިޔާ އެމް.އެން.ޑީ.އެފަށް ހަދިޔާކުރައްވާފައެވެ.  މި މަޝްރޫއު ނިމޭއިރު، އަސްކަރީ ހެލޮކޮޕްޓަރުތައް ޖައްސާ މައި ތަނަކަށް ކައްދޫ ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "އިންޑިޔާ ސަރުކާރުން ދީފައި އޮތް ހެލިކޮޕްޓަރެއް މިހާރުވެސް އެބައޮތް. އެ ހެލިކޮޕްޓަރު މި ބޭނުންކުރެވެނީ އިމަރޖެންސީ ހާލަތުގައި މީހުން އުފުލުމަށާއި، ރެސްކިއުގެ މަސައްކަތަށް. އައްޑޫސިޓީ ގަމުގައި މިހާރު ހެލިކޮޕްޓަރު އޮންނާނީ. ލ. އަތޮޅުގައި ހަދާ ހެނގަރު ނިމުމުން ކައްދުއަށް އެ ހެލިކޮޕްޓަރުވެސް ބަދަލުކުރެވޭނެ." ޑިފެންސް މިިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކައްދޫ އެއަރޕޯޓްގައި  އަސްކަރީ އުދުހުމުގެ ބައި ތަރައްޤީ ވުމުން، ފްލައިން ސްކޫލެއް ހިންގެވުމަކީވެސް ޑިފެންސް މިނިސްޓްރީން ގެންގުޅުއްވާ ތަޞައްވުރެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.