ޚަބަރު

ރައީސް، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި


ކޮޕް26ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގެ މަޝްވަރާތައް ޗެއަރ ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަވަޒީރު ޝެއިޚް ޙަސީނާއެވެ. އަދި މި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ޤައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި މިއީ 48 މެމްބަރު ޤައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތްގެ 54 މެމްބަރު ޤައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާގޮތަށް ބޭއްވުނު ފުރަތަމަ މިފަދަ މަތީ ފަންތީގެ ބައްދަލުވުން ކަމަށް ވިދާޅުވިއެވެ.

މަތީ ފަންތީގެ މި ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެކަން ހާމަކުރައްވައި، މި ދަނޑިވަޅަކީ ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތުނަގާލެވެން އޮތް ދަނޑިވަޅެއް ނޫންކަމަށާ، މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ އެކަންކަމަށް ޢަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ.

ހަމަ އެއާއެކު މިނިސްޓަރ ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ޙަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.